ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތެއް އަޅާނެ ކަމަށާއި އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގެ ހުސް ބިމުގައި ޒަމާނީ "ގައުމީ ތަހުލީލީ" މަރުކަޒެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނިކޮށެވެ. ގައުމީ ތަހުލީލީ މަރުކަޒު އެޅުމަށް ބަޖެޓުގައި ހިމަނާފައި ވަނީ އަންނަ އަހަރު ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގަ އެވެ. އެ މަރުކަޒަކީ ބަލިތައް ދެނެގަތުމުގެ ގޮތުން ހަދާ މަރުކަޒެއް ކަމަށް ބަޖެޓުގައިވެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް މި އަހަރު ލިބުނު ކާމިޔާބީތައް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނިމުމުން ސިއްހީ ގޮތުން ފަރުވާ ލިބޭނެ ހުރިހާ ވަސީލަތެއް އެތަނުގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އައިޖީއެމްއެޗްގެ އިމާރާތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، 25 ބުރީގެ އިމާރާތް ނިމިގެން، އަޅުގަނޑުމެންގެ ރާއްޖޭގައި ދޭން ބޭނުންވާ ހުރިހާ ސިއްހީ ފަރުވާއެއް ލިބިގެންދާނެ. ލިބިގެންދާއިރުގައި މި ދެންނެވި ރިހެބިލިޓޭޓިވް ތެރަޕީ ކަންތައްތައް ހަމަޖެހިގެންދާނެ،"ރައީސް ޔާމީން

ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ލިބޭ އަނިޔާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ޑިޕާޓްމަންޓެއް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވި އެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް މި އަހަރު ލިބުނު ކާމިޔާބީތައް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ކުޅިވަރަށް އަދި ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ އިރު، ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާއަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރައްވާނެ ކަމަށެވެ.

ކުޅިވަރުގެ ބޭސްވެރިކަމުގެ ރޮނގުން މި އަހަރު ގައުމީ އިނާމު ހާސިލް ކުރެއްވި އަހުމަދު ޝަކީބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ "ޝަކީބަށް އެކަންޏެއް މިކަމެއް ނުވާނެ" ކަމަށެވެ. ރައީސް ވިދާޅުވީ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް އާސަންދަގެ ތެރެއިން މިހާރު ވެސް ފަރުވާދޭނެ ކަމަށާއި އެ ހިދުމަތުގެ ބޭނުން ހިފުމަށް އެދިލައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކި ކުޅިވަރުތަކުގެ ގައުމީ ސްކޮޑްގެ ކުޅުންތެރިންނަށް ސަރުކާރުން މުސާރަ ދޭ އުސޫލުން، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކޮންމެވެސް ކަހަލަ އެހީއެއް ދިނުމަކީ ސަރުކާރުގެ ވިސްނުމުގައި އުޅޭ ކަމެއް ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް މި އަހަރު ލިބުނު ކާމިޔާބީތައް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް