ރާއްޖޭގެ އެތެރޭގެ ހަމަނުޖެހުންތަކާ ހުރެ ސަރުކާރުގެ ވަސީލަތްތައް ބިނާކުރަނިވި ކަންކަމަށް ހޭދަ ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ކާމިޔާބީތައް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ރިސޯސް ބިނާކުރަނިވި ކަންކަމަށް ހޭދަކުރުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން ގެއްލިގެންދާ ކަމަކީ ރާއްޖޭގެ އެތެރޭގައި އުޅޭ ހަމަނުޖެހުންތައް ކަމަށާއި އެއަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަންކަން ހައްލަކަށް ނުގެނެވޭނަމަ ސަރުކާރުގެ ރިސޯސަސް ކުޅިވަރުން ދުރަށް ޖައްސާލަން މަޖުބރުވާނެ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި ސަރުކާރުގެ ރިސޯސަސް ބިނާކުރަނިވި ކަންތައްތަކަށް ހޭދަކުރުމަށް އެންމެ ބޮޑަށް އަޅުގަނޑު ޑައިގްރެސް ވެގެންދާ ކަމަކީ ނުވަތަ އަޅުގަނޑުގެ ސަމާލުކަން ގެއްލިގެންދާ ކަމަކީ އަޅުގަނޑުމެންގެ އެތެރޭގައި އުޅޭ ހަމަނުޖެހުންތައް. އަނެއްކާވެސް ވިޔާނުދާ ކަންތައްތައް މަގުތަކުގައި ހިނގާނަމަ އަޅުގަނޑުމެންގެ ސަރުކާރުގެ ރިސޯސަސް ކުޅިވަރުން ދުރަށް ޖައްސާލަން މަޖުބޫރުވާނެ. އަޅުގަނޑަށް ދެން ފޯކަސްކުރަން ޖެހެނީ އަނެއްކާވެސް ރަށުެތރޭގަ އުޅޭ ހަމަނުޖެހުންތައް ހުއްޓުވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކުގައި ހިނގާބިނގާވެ އުޅެވެންޖެހޭނެ ކަމަށެވެ. އެގޮތުން މެހެމާނުންނަށް ހާއްސަކޮށް އެ މިނިވަންކަމާ އެކުގައި އުޅެވެންޖެހޭނެ ކަމަށާއި އެނޫންގޮތަކަށް ރާއްޖޭގެ ކަންކަން ދާނަމަ އެކަމަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ "އާދައިގެ ކަންކަމުގައި" ކުށުގެ ރެކޯޑް އޮތް އެހެންނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކުށަކަށް އަރައިނުގަނެ އޮތް ޒުވާނަކަށްވާ ނަމަ ވަޒީފާގެ މާހައުލަށް އެ ޒުވާނަކު ނެރުމަށްޓަކައި ކުށަށް މާފު ދިނުމާމެދު އަލަށް އައްޔަންކުރި ސީޕީއާ އެކުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ "މި ދައްކަނީ ބޮޑަތި ޖިނާއީ ކުށްތައް ކޮށްފައިވާ ފަރާތްތަކުގެ ވާހަކަ ނޫން" ކަމަށެވެ.

އެހެންކަމުން ޒުވާނުން ވެސް މަގުތަކުގައި ހަމަނުޖެހުން ހިންގުމަށް މަގުފަހިވާ ފަދަ ކަންކަމަށް ނުނިކުމެ،ހަރުދަނާ ބައެއްގެގޮތުގައި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެހީވެދެއްވުމަށް ރައީސް ޔާމީން އެދިލެއްވި އެވެ.