އާބާދީގައި 3،000 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީގެ ރަށް ރަށަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރާ ގޮތަށް، ރާއްޖޭގެ އިދާރީ ދާއުރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ ލާމަރުކަޒީ ގާނޫނުގައި ބުނެފައި ވަނީ 3،000 ހަމަނުވާ ރަށްތަކަށް އިންތިހާބު ކުރަނ ްޖެހޭނީ ފަސް ކައުންސިލަރުން ކަމަށެވެ. އަދި 3،000 އާއި 10،000 ދެމެދުގެ އަދަދުގެ އާބާދީގެ ރަށްތަކަށް އިންތިހާބު ކުރަނ ްޖެހޭނީ ހަތް ކައުންސިލަރުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނުގެ އިސްލާހުގައި ބުނެފައި 3،000 ވުރެ މަތީ އާބާދީގެ ރަށްތަކަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުން ކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ޝަރުތުތަކަށް ރައީސް ތަސްދީގު ކުރެއްވި ގާނޫނުގައި ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން 10،000 މީހުންނަށް ވުރެ ދަށް ނުވާ އާބާދީތަކަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެ ކަމަށް ތަސްދީގު ކުރި ގާނޫނުގައިވެ އެވެ. ކުރިން ޝަރުތުކޮށްފައި ވަނީ 25،000 މީހުންނަށް ވުރެ ދަށް ނުވާ އާބާދީތަކަށް ސިޓީގެ ދަރަޖަ ދިނުމަށެވެ.

އެ ގާނޫނުގައި އިތުރަށް ބުނެފައި ވަނީ ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި މިހާރު ފަސް ކައުންސިލަރުން ތިބުމުގެ ބަދަލުގައި ކޮންމެ އަވަށެއްގައި ތިބޭނީ ތިން ކައުންސިލަރުންނެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އާ ދައުރަކަށް ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށެވެ. އާ ދައުރުގެ ކައުންސިލަރުން އިންތިޚާބު ކުރިޔަސް އެ ކައުންސިލަރުންގެ ދައުރު ފާށާނީ ހިގަމުންދާ ކައުންސިލްގެ ދައުރު ހަމަވުމުން ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.