ކޮލަމްބޯ، (ޑިސެމްބަރު 3)- ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި 2015 ވަނަ އަހަރު ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސެންޓަރުގެ ގްރޭޑް 10ގެ ދަރިވަރު މާހާ އަހްމަދު ހޮވިއްޖެ އެވެ.

ކުރިން ރާއްޖޭގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކުރިއަށް ގެންދާ އެމްއީސީސީގެ "ދިރާސީ އަހަރު ނިންމުން 2015" ޖަލްސާ މިއަދު ހަވީރު އެ ސެންޓަރުގައި ބާއްވާފައި ވާއިރު އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލް ކުރި މާހާއަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ، އެ ޖަލްސާގެ ޝަރަފްވެރި މެހެމާން، ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާހިޔާ ޒަރީރު އެވެ.

ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު، ވާހަކަދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދިވެހި، އިސްލާމް އަދި ގުރުއާން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެމްއީސީސީގެ ގްރޭޑް 10ގައި މާހާއާއެކު މި އަހަރު ޖުމުލަ 6 ދަރިވަރަކު ތައުލީމު ހާސިލްކުރި އެވެ. އެގޮތުން އެ ހުރިހާ ކުދިން ވަނީ، މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފަ އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ، އެމްއީސީސީގައި މިއަހަރު ނާސަރީން ފެށިގެން ގްރޭޑް 9ގެ ކުދިން ހިމެނޭ ގޮތަށް ބޭއްވި "ދިވެހި ހަފްތާ"ގެ އެކިއެކި މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެގޮތުން އެ ސެންޓަރުން މިއަހަރު ފާހަގަ ކުރި ދިވެހި ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ވާހަކަ، ރައިވަރު، ބަނދި ކިޔުން އަދި މަޒުމޫނު ލިޔުން ފަދަ އަދަބީ މުބާރާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެމްއީސީސީގެ ގްރޭޑް 10 ނިންމި ދަރިވަރަކަށް ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ސެޓްފިކެޓާއި ސޭޝް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ސޯސަން ވިލާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރު ޒާހިޔާ ޒަރީރު ވިދާޅުވީ، އެމްއީސީސީއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލަންކާއަށް ކުރެއްވި ޒިޔާރަތެއްގައި، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި އެކަމަށް އެދި ދެންނެވުމުން ފެށިފައިވާ މަސައްކަތެއް ކަމަށެވެ.

ޒާހިޔާ ވިދާޅުވީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ގިނަ އާއިލާތަކުގެ ދަރީންތައް ގޮވައިގެން އެކުދީންނަށް ކިޔަވައިދިނުމަށް ގިނައިން ތިބޭ ބަޔަކީ އެކުދީންގެ މަންމައިން ކަމަށާއި، އެހެންކަމުން އެ ކުދިން ސްކޫލަށް ފޮނުވަމުން އެ ކުދީގެން އެހެނިހެން ކަންތައްތައް ކުރަމުން، އެކުދީންނަށް އިސްލާމާއި ދިވެހި ބަސް އުނގަންނައި ދިނުމަކީ އެ ބެލެނިވެރީންނަށް އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ކޮންމެ މަންމައަކީ ވެސް އެބޭފުޅެއްގެ ދަރީންނަށް އެންމެ ރަނގަޅު ގޮތް ބޭނުންފުޅުވާނޭ މަންމައިން. ނަމަވެސް ކޮންމެ މަންމައަކީ ޓީޗަރެއް ނޫން. އެހެންވީމާ މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލީ، ސްރީ ލަންކާގައި ދިރިއުޅުއްވާ ހުރިހާ ދިވެހި ރައްޔިތުންގެ ދަރީންނަށް، ގުރުއާން، އިސްލާމް އަދި ދިވެހި ބަސް ކިޔަވައި ދިނުމަށްޓަކައި،" ޒާހިޔާ ވިދާޅުވިއެވެ.

އެމްއީސީސީގެ ދިރާސީ އަހަރު ނިންމުމުގެ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އެމްއީސީސީގައި ކިޔަވައި ދެނީ، ރާއްޖޭގައި ވެސް އިސްލާމާއި ދިވެހި މުގައްރަރަށް ގެނެވޭ އެންމެހާ ބަދަލުތަކާ ވެސް އެކުގައިކަން ފާހަގަކުރައްވަމުން ޒާހިޔާ ވިދާޅުވީ، "މި މަރުކަޒުގައި ކިޔަވާ ހުރިހާ ދަރިވަރުންނަކީ، އަޅުގަނޑު ދަންނަވާނީ، ހަމަ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ ދަރިވަރުންތަކެއް،" ކަމަށެވެ. އަދި މިފަދަ މަރުކަޒެއް ރާއްޖެއިން ބޭރުގައި މިހާވަރަށް ފުޅާކޮށް ފެށިފައި ނުވާ ކަމަށާއި، އެހެންކަމުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދަރިވަރުންނަށާއި ބެލެނިވެރީންނަށް ހައިކޮމިޝަނަރު އިލްތިމާސް ކުރެއްވި އެވެ.

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއީސީސީ ހިންގެވުމާ ހަވާލުވެ ހުންނެވި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް ވިދާޅުވީ، "ބަޖެޓްގެ ދަތިކަން ހުރި ނަމަވެސް އެމްއީސީސީގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްދިނުމީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ދަރިވަރުންގެ ތައުލީމަށް ސަރުކާރުން ބަހައްޓަމުން ގެންދިޔަ އަހަންމިއްޔަތުކަން ހާމަވި ކަމެއް" ކަމަށެވެ.

އޭނާ ވިދާޅުވީ، "ތަނުގެ ޓީޗަރުން މަދު ނަމަވެސް އެ ޓީޗަރުންގެ މިންނެތް ބުރަ މަސައްކަތާއެކު 2015 ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމާލެވުނީ ވަރަށް ކާމިޔާބު ކަމާއެކު" ކަމަށެވެ.

އެމްއީސީސީން ގްރެޖުއޭޓްވި ދަރިވަރުންނާއި އެ ސެންޓަރުގެ ސްޓާފުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް އެމްއީސީސީގައި ކިޔަވައިދޭ އެ ސެންޓަރުގައި އެއް ދަންފަޅިއަކަށް ކުލާސްތައް ކުރިއަށްދާއިރު، ރަޖިސްޓްރީ ވެގެން 300 އަށްވުރެ ގިނަ ދަރިވަރަކު ކިޔަވަމުންދެ އެވެ.