އިސްލާމީ ދަޢުވަތަށް އިޖާބަދެއްވުމަށްޓަކައި އަވަސްވެވަޑައިގެން ކުރިޔަށް ނުކުމެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުންވަނީ އިސްލާމްދީނާހުރެ ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ ދަތި އުނދަގޫވެސް ބަރުދާސްތު ކުރައްވައިފައެވެ. ޙަބަޝާއިން މައްކާއަށް އެނބުރިވަޑައިގެން ތިއްބަވަނިކޮށް، އެއްރެޔަކު އެކަމަނާއަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. ހާމަތަނެއްގައި ބާލީސްކޮޅެއްގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށް، ކުއްލިޔަކަށް އުޑު ފަޅައިގެންގޮސް، ހަނދު އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީއެވެ.

ވިދިގެންއައި ދުވަހުގެ ހެނދުނު އެކަމަނާގެ ފިރިކަލުންގެ އަރިހުގައި އެ ހުވަފެންފުޅުގެ ވާހަކަފުޅު ވިދާޅުވެދެއްވިއެވެ. ފިރިކަލުން އެހުވަފެންފުޅު ތަޢުބީރުކޮށްދެއްވިއެވެ.

"ތިޔަ ހުވަފެންފުޅުގެ ތަޢުބީރެއްކަމުގައި ފެންނަނީ، އަޅުގަނޑު ދާދިއަވަހަށް މިދުނިޔެއިން ވަކިވުމެވެ. ޢަރަބީންގެ ހަނދުކަމުގައިވާمحمّد صلّى اللّـه عليه وسلّمކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ."

މިބާއްޖަވެރި ހެޔޮލަފާ ދެމަފިރިކަނބަލުންނަކީالسّيّدة سودة بنت زمعةއާއި އެކަމަނާގެ ފިރިކަލުންالسّكران بن عمرو رضى اللّـه عنــهއެވެ.

ނަސަބުފުޅު

އެކަމަނާގެ ބައްޕާފުޅަކީ،زمعة بن قيس بن عبد الشّمس بن عبد وُدُّ بن نضر بن مالك بن حسل بن عامر بن لُؤىّއެވެ. އެކަމަނާއަކީ ޤުރައިޝުވަންހައިގެ ފަޚުރުވެރި ޚާންދާނެއް ކަމުގައިވާعامر بن لُؤىّވަންހައިގެ ބޭކަނބަލެކެވެ. ކައުސާހިބާގެ ނަސަބުފުޅާ އެކަމަނާގެ ނަސަބުފުޅާ ގުޅެނީ،لُؤىّبن غالبއާ ހަމައިންނެވެ. އެކަމަނާގެ މައިކަނބަލަކީ،الشُّموس بنت قيسއެވެ. އެކަމަނާއަކީ މަދީނާގެ އަންޞާރުންގެ އެންމެ ޝަރަފުވެރި ޤަބީލާ ކަމުގައިވާ ނައްޖާރު ވަންހައިގެ ބޭކަނބަލެކެވެ. ނައްޖާރު ވަންހަޔަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ލޮބުވެތި ކާފާކަލުންعبد المطّلبގެފާނުގެވެސް މައިފުށުގެ ޤަބީލާއެވެ.

އެންމެ ފުރަތަމަ ކާވެނިފުޅު

السّيّدة سودة بنت زمعةއެންމެ ފުރަތަމަ ކާވެނިބައްލަވައިގެންނެވީ،السّكران بن عمرو بن عبد الشّمسއާއެވެ. އެކަލޭގެފާނަކީ، އެކަމަނާގެ ބައްޕާފުޅާ ދެބޭންގެ ދެދަރި ބޭކަލެކެވެ.

އިސްލާމްވެވަޑައިގަތުން

السّيّدة سودةއަކީ، އިސްލާމީ ދަޢުވަތަށް އެންމެ ކުރީކޮޅުގައި އިޖާބަދެއްވިالسّابقون الأوّلونގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާއަކީ، ސަލާމަތް ފިޠުރަތެއްގެ ވެރި މާތް ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުންالسّكرانއަކީވެސް ވަރަށް ހެޔޮލަފާ ބޭކަލެކެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمތައުޙީދުގެ ދަޢުވަތު އިޢުލާން ކުރެއްވުމާއެކު، އެ ދެކަނބަލުން އިސްލާމްވެވަޑައިގެންފިއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި، އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީ،السّيّدة سودةއެވެ.السّكرانއިސްލާމްވެވަޑައިގަތީ،سودةގެ ދީނަށް ގޮވައިލެއްވުމާއި، ވިސްނަވައިދެއްވުމުގެ ސަބަބުންނެވެ.

މި ޙާދިޘާ ހިނގައިފައިވާގޮތާ ބެހޭގޮތުން ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، އިތުރު ސާހިބާ އިސްލާމްދީނުގެ ދަޢުވަތު އިޢުލާން ކުރެއްވުމާއެކު، މުޅި ޤުރައިޝުވަންހަ އެކަލޭގެފާނާ ދުޝްމިނުވެއްޖެއެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް އަނިޔާކުރާން ފަށައިފިއެވެ. ނަމަވެސްالسّيّدة سودةއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. އެހެންކަމުން، މުޅި ޢަރަބި ދުނިޔެ، "الأمينއާއި،الصّادق" ގެ ލަޤަބު އަރުވައިފައިވާ ބޭކަލަކު ދޮގުވެރިޔަކަށް ނުވާނެކަން، އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. އެއްފަހަރަކު އެކަމަނާއަށް ވަނީ ކައުސާހިބާގެ ވާހަކަފުޅު ތަފްޞީލުކޮށް އަޑުއިވިވަޑައިގެންފައެވެ. އެހެންކަމުން، އެކަމަނާ ހަމައެވަގުތު ހިތްޕުޅުން އިސްލާމްވެވަޑައިގެންނެވިއެވެ. ނަމަވެސް،السّكرانއިސްލާމްވެވަޑައިނުގަންނަވާތީ، އެކަން ވަންހަނާ ކުރެއްވިއެވެ. އޭގެފަހުން އެކަމަނާއަށް ލިބިވަޑައިގަންނަވާ ފުރުޞަތުތަކުގައިالسّكرانއަށް އިސްލާމްދީނުގެ ރަނގަޅުކަން ވިސްނައިދެއްވަމުން ގެންދަވައި، އޭނާގެ ހިތްޕުޅުވެސް އިސްލާމްދީނަށް ތަނަވަސް ކުރުއްވިއެވެ.السّكرانއެއްބަސްވެވަޑައިގަތުމާއެކު، ދެކަނބަލުން އެކުގައި އިސްލާމްކަން އިޢުލާން ކުރެއްވިއެވެ.

އެންމެ ފުރަތަމަ ހިޖުރަ

السّيّدة سودةއާއި އެކަމަނާގެ ފިރިކަލުން އިސްލާމްވެވަޑައިގެންނެވި ދުވަސްވަރަކީ، މައްކާގެ ވެށި މުސްލިމުންނަށް ވަރަށް ނުސިޔާނު ދުވަސްވަރެކެވެ. ދުވަހެއް ދުވަހަކަށް މަސްރަޙު އައީ ނުތަނަވަސްވަމުންނެވެ. އަނިޔާވެރިކަން ކުރިއަރަމުންނެވެ. ހާސްކަން އިތުރުވަމުންނެވެ.السّيّدة سودة رضى اللّـه عنــهاގެ ދެމަފިރިކަނބަލުންނަށްވެސް އިސްލާމްވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން، ވަރަށްގިނަ އަނިޔާތަކާއި އިހާނެތި ކަންތައްތައް ބަރުދާސްކުރައްވާން ޖެހިވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުން އެދެކަނބަލުންގެ ގައިކޮޅަށް ވެލިއުކައި، އެއްޗެހި ގޮވައި އުނދަގޫ ކުރިއެވެ. ގަނޑުވަރަށް ގާއުކިއެވެ. އެއްދުވަހަކު އެދެކަނބަލުން ގެކޮޅުގެ ތެރޭގައި ވާހަކަފުޅުދައްކަވަން ތިއްބަވަނިކޮށް، ދުޝްމިނުންގެ މީހަކު ފޮނުވައިލި ތީރެއް އަމާޒުވެފައިވަނީ، ގެކޮޅުގެ ތެރޭގައި ބާއްވަވައިފައިވާ ކީރިތި ޤުރުއާން ލިޔެފައިހުރި ފަތްފުށްތަކަކަށެވެ. އެކަމުގެ ޝަކުވާއާއިގެން އެދެކަނބަލުން އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ.

މުސްލިމުންގެ ނޭފަތުކުރި ފެނުޖެހޭވަރަށް މައްކާގެ މަސްރަޙު އުނދަގޫވުމުން، ކައުސާހިބާ މުސްލިމުންނަށް ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ އަމުރުފުޅު ދެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمޙަދީޘް ކުރެއްވިއެވެ. ޙަބަޝާގައި ހުންނަވަނީ ވަރަށް ހެޔޮލަފާ ވެރިޔެކެވެ. އޭނާގެ އަރިހަކު އަނިޔާއެއް ނެތެވެ. ތިޔަބައިމީހުން އެތަނަށް ދާށެވެ. އަރަހުށި މާތްاللّـهދާދިއަވަހަށް ތިޔަބައިމީހުން އެންމެން އެއްތަނަކަށް ޖަމާކޮށްދެއްވާނެއެވެ.

السّيّدة سودةއާއި އެކަމަނާގެ ފިރިކަލުން ހިމެނިވަޑައިގަންނަވަނީ ޙަބަޝާގެ މުހާޖިރުންގެ ދެވަނަ ޖަމާޢަތުގައެވެ. ޙަބަޝާގައި އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު އަނެއްކާވެސް އެދެކަނބަލުން އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. ޙަބަޝާއިން އެނބުރި ވަޑައިގަތުމަށްފަހު އެދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީسودةގެ ބައްޕާފުޅުزمعةގެ ގޭގައެވެ. މައްކާއަށް އެނބުރި ވަޑައިގެންނެވިތާ މާގިނަދުވަހެއްނުވެ،السّكران رضى اللّـه عنــهއަވަހާރަވެއްޖެއެވެ.السّيّدة سودةހުވަފަތްވެވަޑައިގެންފިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން،السّكران رضى اللّـه عنــهއަވަހާރަވީ ޙަބަޝާގައި ތިއްބަވަނިކޮށެވެ.

سودة-أمّ المؤمنين

އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ޙަޔާތްޕުޅުގެ ލޮބުވެތި ބައިވެރިޔާأمّ المؤمنين السّيّدة خديجة بنت خويلِد رضى اللّـه عنــهاފުރައުއްތަވެވަޑައިގަތީ،السّيّدة سودةހުވަފަތްވެވަޑައިގެންފައި އިންނަވަނިކޮށެވެ.

(ނުނިމޭ)