އަންކަރާ : ލީބިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަހްލީ ހަނގުރާމައާއި ގައްޒާފީގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވެފައިވާ މައްސަލަ ހައްލުކުރުމަށް ޓަކައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން، މަގުޗާޓެއް ހުށަހަޅުއްވައިފިއެވެ.

މި މަގުޗާޓްގައިވަނީ ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ގައްޒާފީގެ ބާރުތަކާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަގުތުުން ހުއްޓާލުމާއެކު ލީބިޔާގެ ހުރިހާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ އަމާންމަގުތަކަކާއި ސަރަޙައްދުތަކެއް ތަނަވަސް ކުރުމާއި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައިވާ ގައްޒާފީގެ ސިފައިން އެތަންތަނުން ފޭބުމާ އަދި އެއަށްފަހު ލީބިޔާގެ ރައްޔިތުން ބޭނުންވާ ދިމުޤްރާތީ އިސްލާޙްތައް ގެނައުމުގެ ފުރްސަތު ދީ އެކަމުގެ މަސައްކަތް ފެށުމެވެ.

އުރުދުޣާންގެ މި ޕްލޭނާބެހޭ ގޮތުން ތުރުކީގެ މަންދޫބުން ގެންދަވަނީ ގައްޒާފީގެ ސަރުކާރާއި ލިބިޔާގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. އުރުދުޣާން ވިދާޅުވީ ލީބިޔާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިޙާލާމެދު ތުރުކީގެ ސަރުކާރާއި ރައްޔިތުން ވަރަށް ބޮޑަށް ހަމްދަރްދީ ވާކަމަށާއި ލީބިޔާއާއި ތުރުކީގެ ރައްޔިތުންނަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގޮތުން ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްބަނޑުއެއްބަފާ ބައެއް ކަމުގައެވެ.

އުރުދުޣާންގެ މި ޕްލޭން ޤަބޫލު ކުރުމަށް ގައްޒާފީގެ ނިޒާމާއި ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުންވެސް ވަނީ ޝަރުތުތަކެއް ކުރުމަތިކޮށްފައެވެ. ގައްޒާފީގެ ނިޒާމުން ޝަރުތު ކުރަނީ ގައްޒާފީގެ ވެރިކަން ދެމެހެއްޓޭގޮތެއްގެ މަތިން ދިމުޤްރާތީ އިސްލާޙްތައް ލީބިޔާއަށް ގެނައުމެވެ. އިދިކޮޅު އިންތިޤާލީ މަޖިލީހުންބުނަނީ ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެވޭގޮތެއްގެ މަތިންނޫނީ ތުރުކީގެ މަގުޗާޓް ވެސް އަދި ސުލްޙަިއގެ އެހެން ޕްލޭންނެއްވެސް ޤަބޫލުކުރެވެން ނޯންނާނެ ކަމުގައެވެ. (އަލްޖަޒީރާ)