ކެބެޖެއްގެ ތެރެއަށް ލައިގެން ގއ. ވިލިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން އެތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ވިލިގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މާލެ އިން ވިލިނގިއްޔަށް ދަތުރުކުރި ބޯޓަކުން ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެތަކެތި އިއްޔެ ހެނދުނު އަތުލައިގެންފައި ވަނީ އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައި ފާސްކުރިއިރު އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ތަރުކާރީ ތަކުގެ ތެރޭ އޮތް ކެބެޖެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދެ ދަޅާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.