03 Dec 2015, 16:56
ސައުތު އެފްރިކާ (ޑިސެމްބަރު 3) : ސައުތު އެފްރިކާގެ އުމްރާނީ ތަރައްގީއަށް ޓަކައި ޗައިނާ އާއި ސައުތް އެފްރިކާގެ މެދުގައި 6.5 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އެފްރިކާ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އިއްޔެ އެވެ. އެ ދަތުރުފުޅަކީ އެފްރިކާގެ ގައުމުތަކާއި ޗައިނާއާ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް ޗައިނާގެ ރައީސް ކުރެއްވާ ދަތުރުފުޅެކެވެ.
އިއްޔެ ސައުތު އެފްރިކާ އާއި ޗައިނާ އިން ވަނީ 26 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން 2.5 ބިލިއަން ޑޮލަރު ހަރަދު ކުރާނީ ސައުތު އެފްރިކާގެ ރޭލު ހިދުމަތް ރަނގަޅު ކުރުމަށެވެ.
މީގެ އިތުރުން ރައީސް ޝީ ވަނީ ސައުތު އެފްރިކާ އަށް ލޯންތަކެއް ދިނުމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ. އެގޮތުން ސައުތު އެފްރިކާގެ ސްޓޭޓް ޕަވާ ކޮމްޕެނީއަށާއި އެ ގައުމުގައި ކާރު އުފައްދާ ފެކްޓަރީއެއް ހެދުމަށް 500 މިލިއަން ޑޮލަރުގެ ލޯން ދެއްވުމަށް ހަމަޖައްސަވާފައިވެ އެވެ.
ރައީސް ޝީގެ ދަތުރުފުޅުގެ ކުރިން ވެސް ޗައިނާ އިން ވަނީ ސައުތު އެފްރިކާގެ ދަގަނޑާއި ހަކަތަ އާއި ބޭހަށް 930 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތައް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އެފްރިކާގެ ގިނަ ގައުމުތަކަކީ ތެޔޮ ފަދަ އަސާސީ ތަކެތި ޗައިނާ އަށް އެކްސްޕޯޓް ކުރާ ގައުމުތަކެވެ. ނަމަވެސް ފަހަކަށް އައިސް ޗައިނާގެ ޑިމާންޑުތައް ވަނީ މަދުވެފަ އެވެ. އެހެންކަމުން، ރައީސް ޝީގެ ދަތުރުފުޅަކީ އެފްރިކާގެ ގައުމުތަކުގައި ޗައިނާ އިން ކުރާ އިންވެސްޓްމެންޓުތައް މަދުނުކުރާނެ ކަން ދެއްކެވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ބެލެވެ އެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާ އިން އެފްރިކާގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް ވަނީ 40 ޕަސެންޓް މަދުވެފަ އެވެ.
ރައީސް ޝީގެ ދަތުރުފުޅު ފައްޓަވާފައި ވަނީ އަންގާރަ ދުވަހު ޒިމްބާބުވޭ އިންނެވެ.
މައުލޫމާތު: ބީބީސީ