އަނިޔާގި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ރާއްޖޭގެ އެއް ނަމްބަރު ކީޕަރު އިމްރާން މުޙައްމަދާއި މި ސީޒަންގައި އަނިޔާގައި ހުރި ކީޕަރު މުހައްމަދު ފައިސަލް ހިމަނައިގެން ގައުމީ ޓީމްގެ ސްކޮޑް އެކުލަވާލައިފި އެވެ.

ފައިސަލް ގައުމީ ސްކޮޑުގައި ހިމެނިފައިވާއިރު އަނިޔާގެ ސަބަބުން މިސީޒަންގައި އެއްވެސް މެޗެއް އޭނާ ކުޅެފައެއް ނުވެ އެވެ.

ކީޕަރު ޢިމްރާނަށް އަނިޔާވީ ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ ޖޫން މަހު ހޮންކޮންއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗްގަ އެވެ.

ގައުމީ ޓީމުގެ ކޯޗު ރިކީ ހާބެޓް ނެގި ސްކޮޑްގައި އަނިޔާގައި ހުރި މުހައްމަދު އުމައިރާއި މީގެ ކުރިން ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ވެލެންސިއާގެ އަކްރަމް އަބްދުލްޣަނީ ޓީމުގައި ހިމަނާފައެއް ނުވެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ މަހު ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް އަކުރަމު ގައުމީ ޓީމަށް ނަގާފައެއް ނުވެއެވެ.

މީގެ އިތުރުން މުބާރާތަށް ސަސްޕެންޑްވެފައިވާ ނިއު ރޭޑިއަންޓުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް ސްކޮޑުގައި ނުހިމެނެ އެވެ.

މި މަހުގެ 23 ގައި އިންޑިއާގެ ޓްރެވެންޑްރަމްގައި ބާއްވާ ސާފް ސުޒުކީ ކަޕަށް ފަރިތަކުރުމަށް ނެގި 30 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި ކުލަބު އީގަލްސްގެ ހަ ކުޅުންތެރިއަކާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަސް ކުޅުންތެރިންގެ އިތުރުން ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކުލަބުން ކޮންމެ ޓީމަކުން ދެ ކުޅުންތެރިންނެވެ. މަހިބަދޫގެ ކުޅުންތެރިއެއްގެ އިތުރުން މެލޭޝިއާގެ ޕީޑީއާރުއެމްއަށް ކުޅެމުން އަންނަ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގާއި މިޔަންމާގެ ކޭބީޒެޑް އެފްސީއަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް ވެސް ހިމެނެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހެނދުނު ފަށާފައިވާއިރު ކުރިއަށް އޮތް ތިން ދުވަސް ތެރޭ ތަމްރީން ހެދުމަށް ގައުމީ ޓިމު ފުރާނެ އެވެ. ޓީމު ކޭމްޕް ކުރުމަށް އެފްއޭއެމުން ބަލަމުން އަންނަނީ ކުވޭތު، ގަތަރު އަދި ބަހުރޭނަށެވެ. ނަމަވެސް އަދި ކޭމްޕް ކުރާނެ ވަކި ގައުމެއް އެފްއޭއެމުން ހާމައެއް ނުކުރެއެވެ.

ގައުމީ ޓީމުގެ ކޯޗު ނިއު ޒީލެންޑްގެ ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ރާއްޖެ ނުކުންނައިރު، ރާއްޖެ ހިމެނެނީ އެންމެ ފަހު ޗެމްޕިއަން އަފްގާނިސްތާނާއި ބޫޓާނާއި ބަންގްލަދޭޝްއާ އެކު ގްރޫޕް ބީގަ އެވެ.

ގައުމީ ސްކޮޑް:
މާޒިޔާ

  • އަހުމަދު އިމާޒް (އާއްކޮ)،

  • އަހުމަދު ނާޝިދު (ނާއްޓޭ)،
  • އަމްދާން އަލީ (އެންޑީ)،
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • ހަސަން ޝިފާޒް (ޑުންގާ)،
  • އިބްރާހިމް ހަސީބް،
  • އިމްރާން މުހައްމަދު،
  • ސަމްދޫހް މުހައްމަދު،
  • މުހައްމަދު ސާއިފް،
  • މުހައްމަދު އިރުފާން،
  • މޫސާ ޔާމީން.

    ކްލަބް އީގަލްސް
  • މުހައްމަދު ފައިސަލް،
  • އަހުމަދު ނޫމާން،
  • އަހުމަދު ރިޒްވާން،
  • އަންސަރު އިބްރާހިމް (އަންކޮ)،
  • އިސްމާއިލް އީސާ (މެސީ)،
  • ޔަޝްފާދު ހަބީބް،
  • މުޖުތާޒް މުހައްމަދު.

    ނިއު ރޭޑިއަންޓް
  • އަހުމަދު ޝާފިއު،
  • އަހުމަދު އަބްދުﷲ (ލިލީ)،
  • އަސްހަދު އަލީ (އަޑޭ)،
  • އަލީ ފާސިރު (ސެންޓޭ)،
  • މުހައްމަދު ހަމްޒާ (ހަމްޕު).

    ޓީސީ ސްޕޯޓްސް
  • ނާއިޒް ހަސަން (ދާދު)،
  • މުހައްމަދު އިމްރާން (ކުޑަ އިމްރާން)

    ކްލަބް ވެލެންސިއާ
  • އިބްރާހިމް އަބްދުﷲ (އިއްބެ)،
  • ބީޖީ ސްޕޯޓްސް:
  • އިބްރާހިމް އިފްރާހު އަރީފް،

    މަހިބަދޫ ސްޕޯޓްސް:
  • ސަމޫހު އަލީ (ސަމުއްޓޭ)

ޕީޑީއާރްއެމް:

  • އަލީ އަޝްފާގް (ދަގަނޑޭ)

ކޭބީޒެޑް:

  • ުހައްމަދު އާރިފް (ބަކާ).