03 Dec 2015, 16:33
ނާޒިމް ޑޮކްޓަރަށް ދެއްކުމުގައި ސަމާލުކަންދޭ ކަމަށާއި އެޕޮއިންޓްމެންޓް ހަމަޖެހޭ މިންވަރަކުން ހާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުނަށް ވެސް ދައްކަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މިއަދު ހައިކޯޓުގައި ބޭއްވި ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމަށް ބޭސްފަރުވާކޮށްދިނުމުގައި ކަރެކްޝަނުން ފަރުވާ ކުޑަކުރާކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަަލާއާ ގުޅިގެން ފަނޑިޔާރުން ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ.
ނާޒިމް ވިދާޅުވީ ލޮލުގެ މައްސަލައާއި ހިތުގެ މައްސަލަ ވެސް، އަދި އޭނާގެ ހުންނަ ކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަަށް ޑޮކްތަރުން ލަފާދެއްވި ނަމަވެސް ކަރެކްޝަނުން އެކަން ހަމަޖައްސައި ނުދޭ ކަމަށެެވެ. އަދި އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެކަން ވެސް ހަމަޖައްސައި ނުދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން އޭނާ ގެއަށް ބަދަލުކޮށް ދިނުމުގެ އަމުރަކަށް ވެސް ނާޒިމްގެ ވަކީލު ވަނީ މިއަދު އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްގެ ބޭފުޅުންނާ ފަނޑިޔާރު ސުވާލު ކުރެއްވުމުން ކަރެކްޝަންސްގެ ޗީފް ޕްރޮޒަން އޮފިސަރު އަބްދުލް ގާދިރު އިބްރާހިމް ވިދާޅުވީ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމެންޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް އެޕޮއިންޓްމެންޓް ހަމަޖެހޭ މިންވަރަކުން ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އަށް އެތެރެކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.