ދ. ބަނޑިދޫ ރަށު ކައުންސިލްގެ އިދާރާ ބަލަހައްޓަށް އިން ވޮޗަރު ބަނުމަށް ފަހު އެ އިދާރާގައި ހުރި ދެ ތިޖޫރީ ފަޅާލައި 50000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން ބަޔަކު ރޭ ފިލައިފި އެވެ.

ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފް މިއަދު ވިދާޅުވީ ރޭ ބަޔަކު ކައުންސިލްގެ އިދާރާ ތެރެއަށް ވަދެ، ދެ ތިޖޫރީ ފަޅާލައި ފައިސާތައް ވަގަށް ގެންދިޔައީ، އެ އިދާރާ ބަލަހައްޓަން އިން ވޮޗަރުގެ މޫނާ އަތާއި ފައި ޓޭޕުން ބަނދެ ކައުންސިލަރުން ތިބޭ ބައިގައި ބޭއްވުމަށް ފަހު ކަމަށެވެ.

ވޮޗަރާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރޭ މެންދަމުންއަލިވެ ތިނެއްޖަހާ އެހާކަންހާއިރު ކައުންސިލްގެ ތެރެއަށް ވަނީ މޫނު ނިވާކޮށް، އޮރިޔާން ހާލުގައި ތިބި ހައެއް ނޫނީ ހަތް މީހުން ކަމަށާއި ކަމަށާއި އެ މީހުން ވޮޗަރު ބަނުމަށް ފަހު \\\\\\\"އޮޕަރޭޝަން\\\\\\\" ހިންގީ ކަމަށެވެ.

ހަނީފު ވިދާޅުވީ ވޮޗަރުގެ އަނގަމަތީގައި ޓޭޕް އަޅައި ބަނދެފައި އޮތްވަރުން އޭނާ އޮތީ ވަރަށް ބޮޑަށް ނޭވާ ހާސްވެފައި ކަމަށާއި އޭނާގެ ހާލުދެރަކަމުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ވޮޗަރަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ބަނޑިދޫ ކައުންސިލުން ބުނީ ވަގުން ވަނީ އިދާރާގެ ލިއެކިއުންތަކަށް ވެސް ގެއްލުންދީފައިވާ ކަމަށެވެ.

ހަނީފު ވިދާޅުވި ގޮތުގައި ވޮޗަރު ރަށު ކައިންސިލްގެ އިދާރާގައި ބަނދެފައި އޮތް ކަން މީހުންނަށް އެނގުނީ ކައުންސިލް އޮފީހުގެ ދޮރުގައި މީހަކު ތަޅާ އަޑު އެ ރަށު މީހަކަށް އިވިގެން ގޮސް ބެލުމުން ނެވެ. ހަނީފު ވިދާޅުވި ގޮތުގައި ވޮޗަރަކަށް އިން މީހާ އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ހަނީފް ވިދާޅުވި ގޮތުގައި ތިޖޫރީން ވަގަށް ނެގި ފައިސާގެ އަދަދު 58000ރ. އަށް ވުރެ ގިނަ ވާނެ އެވެ. އަދި ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަތްގަނޑުތަކުގައި ބަހައްޓާފައި ހުރި 5000 ވަރަށް ރުފިޔާ ވެސް ވަގުން ވަނީ ގެންގޮސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.