އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަދަމުން އަންނަ ޕަބްލިކް ފާހާނާ ބަރިއާއި އަދި ފެންވަރާ އޭރިއާގެ މަސައްކަތް މި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިންގް މިނިސްޓްރީގެ ޕްލޭނިންގް އެންޑް އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާބަން ޑިވެލޮޕްމެންޓްގެ ފަރާތުން ފާތިމަތު ޝާހީން ވިދާޅުވީ މިހާރު މަސައްކަތުގެ 75 ޕަސެންޓް ނިންމާލެވިފައިވާ ކަމަށެވެ.

"އާޓިފިޝަލް ބީޗުގައި ގާއިމު ކުރެވޭ ފާޚާނާ ބައި، މިހާރު މި މަސައްކަތުގެ ވަރަށް ބޮޑު ބައި، ގާތްގަނޑކަށް 75 ފަސެންޓް ވަނީ ނިމިފައި. ދެން މި މަހުގެ މެދެއްހާ ތަނުގައި ނިމޭނެ ކަމަށް ލަފާ އެބަ ކުރެވޭ،" ޝާހީން ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕަބްލިކު ޝަވާ އޭރިއާއެއް ހެދުމަށް މާލޭ ވޯޓާ އެންޑު ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑް (އެމްޑަބުލިއުއެސްސީ) އާ ހަވާލުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

އެ މަސައްކަތަކީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ކޮމްޕޯނަންޓް ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ މަސައްކަތަށް އެއްވެސް އަގެއް ހުށަހަޅާފައި ނުވާ އިރު، މާލޭ އިރުމަތި ފަރާތުގެ އާޓިފިޝަލް ބީޗު ސަރަހައްދު އަޕްގުރޭޑް ކުރުމުގެ މަސައްކަތް އެމްޑަބުލިއުއެސްސީ އަށް ވަނީ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން މާލެ ހުޅަނގު ފަރާތުގައި ވެސް އާޓިފިޝަލް ބީޗެއް ހެދުމަށް ހައުސިން މިނިސްޓްރީން ނިންމައި އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.