03 Dec 2015, 15:42
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް)ގައި މި ދުވަސްވަރު ހިދުމަތް ހޯދަމުން އަންނަ ބަލި މީހުންނަށް އެހީތެރިވެ ދިނުމުގެ ގޮތުން ސްކައުޓުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު "ސަން" އަށް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ އައިޖީއެމްޗު އެންމެ ބާރު ބޮޑުވެގެން އަންނަ ދެ މަސް ކަމަށެވެ. އަދި ވިދާޅުވީ އެ ދެ މަހު ރާއްޖޭގެ އެކި ހިސާބުތަކުން އަންނަ މީހުން ވަރަށް ގިނަ ވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުން ހިދުމަތް ހޯދާ ބައެއް ތަންތަން ކިޔާ ދޭން ޖެހޭ ކަމަށެވެ.
"ދެން ސްކައުޓަކީ އިޖުތިމާއީ ކަންކަމުގައި ވަރަށް އެހީތެރިވާ ބައެއް. އަޅުގަނޑުމެން އެދުނީ އެ ގޮތަށް ހޮސްޕިޓަލުގައި މި ދެ މަހު ކަންކަން ވަމުން އަންނާތީވެ އަޅުގަނޑުމެންނަށް އެކަމުގައި އެހީތެރިވެ ދިނުމަށް. އެގޮތަށް އެކުދިން ފޮނުވާލަ ދެއްވީ. ދެން ވަރަށް ޔޫސްފުލް އެކުދިން [ބޭނުންތެރި، ސްކައުޓު ކުދިން] މި ދެންނެވިހެން އެކުދިން ހަރަކާތްތެރި އެވަނީ އަޅުގަނޑުމެންގެ އެދުމުގެ މަތިން،" ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުންނަށް އެހީތެރިވުމަށް ޓަކައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު އަށަކުން މެންދުރު ފަހު ތިނަކަށް، ދެ ޝިފްޓަކަށް ބަހާލައިގެން ސްކައުޓުން އައިޖީއެމްއެޗުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.