ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި ފޮރެންސިކް ޔުނިޓެއް ގާއިމުކޮށް ފޮރެންސިކް ޚިދުމަތްތައް ރަސްމީކޮށް ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިޓް ހުޅުއްވައިދެއްވީ ފޮރެންސިކް ޑައިރެކްޓްރޭޓުގެ ހެޑްއެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި އަލީ ރަޝީދު ވިދާޅުވީ އެ ޔުނިޓް ހުޅުވިގެން ދިޔުމާ އެކު ކުރިއަށް އޮތްތަނުގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަށް އިތުރު ކުރިއެރުމަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޔުނިޓުގެ ސަބަބުން ފޮރެންސިކް މަސައްކަތްތަކަށް ބޮޑު ކުރިއެރުމަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި ގާއިމްކުރި މި ޔުނިޓަކީ ނޯތު ޕޮލިސް ޑިވިޜަންގެ އިތުރުން ރ. އަތޮޅުގައި ހުޅުވި ފުރަތަމަ ފޮރެންސިކް ޔުނިޓެވެ. މި ޔުނިޓުން ކްރައިމް ސީން އޮފިސަރުންގެ ޚިދުމަތާއި ކްރައިމް ޕްރޮސެސްކުރުމާއި އެވިޑެންސް ނެގުމާއި ތަހުލީލުކުރުމަށް ޓަކައި މާލެ ފޮނުވާ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާނެ އެވެ.