03 Dec 2015, 15:30
ހަނގުރާމަވެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލާގައި ދައުލަތުގެ ފަރާތުން ހައިކޯޓަށް ސިއްރު ލިއުމެއް ހުށަހަޅައިފި އެވެ.
މިއަދު 1:30ގައި ހައިކޯޓުގައި ބޭއްވި ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވަނީ ފަނޑިޔާރުންނާ ލިއުން ހަވާލުކޮށްފަ އެވެ. ވަކީލުން ވިދާޅުވީ އެއީ ސިއްރު ލިއުމެއް ކަމަށެވެ.
އެލިޔުން ލިބުނީ ކޮންއިރަކުތޯ ފަނޑިޔާރު ސުވާލު ކުރުމުން ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެލިޔުން ލިބިފައި ނުވާ ކަމަށާއި އެއީ ހުކުމް ކުރި ފަހުން ލިބުނު ލިޔުމެއް ކަމަށެވެ.
ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްގެން ނަމަވެސް އެ ލިޔުން ނާޒިމް އަދި އޭނާގެ ވަކީލުންނާ ހިއްސާކުރުމަށް އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. ދައުލަތުން ވެސް ވިދާޅުވީ ނާޒިމްގެ ވަކީލުންނާ ލިއުން ހިއްސާކުރުމަށް ދެކޮޅު ނުހަދާ ކަމަށެވެ. އެކަމާ ގުޅިގެން އިސްފަނޑިޔާރު ވިދާޅުވީ ލިޔުން ބެލުމަށް ފަހު ޝަރީއަތުގައި ލިޔުން ބޭނުން ކުރާ ނަމަ ހިއްސާކުރެވެން އޮތް މިންވަރަކުން ނާޒިމާ ލިޔުން ހިއްސާކުރައްވާނެ ކަމަށެވެ.
އެއްގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިން ބޭއްވި އަޑުއެހުމާ ގުޅިގެން ދައުލަތުން ދެއްކި ވާހަކައާ ގުޅިގެން އިތުރު ވާހަކަ ދެއްކުމަށް ނާޒިމަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއްކަން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، ހުކުމްކޮށްފައި ވަނީ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ކަމާމެދު ގިނަ ޝައްކުތަކެއް އުފެދިފައި ވަނިކޮށް ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ނާޒިމްގެ ފަރާތުން ފާހަގަކުރި ކަންްކަން
- ނާޒިމްގެ ފިންގަޕްރިންޓް ހަތިޔާރުގައި ނެތްކަން
- އިތުރު މީހެއްގެ ފިންގަޕްރިންޓް ހުރިކަން
- ދަބަހުގައި ނާޒިމްގެ ފިންގަޕްރިންޓް ނެތް އިރު ދަބަހުގައި އަތްނުލައި ވަތްގަނޑަށް ނުލެވޭނެ ކަން
- ބަލައި ފާސްކުރި ކަމަށް ބުނާ އިރު ވީޑިއޯ ޝަރީއަތަށް ހުށަހަޅާފައި ނުވާކަން
- ނާޒިމްގެ ކޮޓަރިއަކީ އެހެންމީހުންނަށް ވަދެވޭ ތަނެއްކަން
- ނާޒިމްއަށް ބޭރު ނަމްބަރަކުން ގުޅާ މެސެޖްކޮށް އިންޒާރު ދިނުން
ހުސްނުއްސުއޫދު ވިދާޅުވީ އެ ހުރިހާ ޝައްކުތަކެއް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފިލުވައިދެވިފައި ނުވާތީ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއްކަން ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި ވަތްގަނޑުގައި އޮތް ދަބަހާއި ނާޒިމާ ގުޅެނީ ކިހިނެތް ކޮންގޮތަކުންކަން ބުނެދެވިފައި ނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ދަބަހުގައި ފިންގަޕްރިންޓް ހުރިތޯ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ބަލާފައި ނުވާތީ ހުސްނުއްސުއޫދު ވަނީ އެކަމާ ވެސް ސުވާލު އުފައްދައިފަ އެވެ.
ނާޒިމްގެ ދިރިއުޅުއްވާ ގޭގައި ހަތިޔާރު އޮތުމަކީ އެއީ ނާޒިމްގެ އެއްޗެއް ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށާއި އެއީ ނާޒިމްގެ އެއްޗެއްކަން ސާބިތުކުރުމަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ. އަދި ހުސްނުއްސުއޫދު ވަނީ މީގެ ކުރިން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ނިންމާފައިވާ ގަޒިއްޔާތަކުގައި މީހެއްގެ އެއްޗެއްކަން ސާބިތުކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ރިއާޔަތް ކުރައްވައިފަ އެވެ.
އެގޮތުން ހައިކޯޓާއި ސުޕްރީމު ކޯޓުން ނިންމާފައިވާ ގިނަ ގަޒިއްޔާތަކެއްގެ ވާހަކަ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުސްނުއްސުއޫދު ވަނީ ފާހަގަކުރައްވައިފަ އެވެ.
މީގެ ކުރިން ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަަލަމުންގެން ދިޔަ އެ މައްސަލަ މިހާރު ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗްއަކުންނެވެ. ފަނޑިޔާރު އަބްދުއްރައުފް އިސްފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރުއާ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.