03 Dec 2015, 15:23
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދީބުގެ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލީ މި ހަފްތާގައި ކަމަށެވެ.
އަދީބުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ސައީދު އިބްރާހިމް އާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު އަހްމަދު ރަޝީދެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނު ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.
އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބައެއް މީހުން ތަހުގީގުގައި ބުނެފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 1990 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ (ރ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އަދީބަށް އަންނާނެ އެވެ.