އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް)ގައި އަލަށް ބެހެއްޓި އެމްއާރްއައި މެޝިނުން ހިދުމަތް ހޯދުމަށް 200 އަށް ވުރެ ގިނަ މީހުން ކިޔުގައި ޖެހިފައިވާ ކަމަށާއި އަންނަ ހަފްތާގައި ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްޗުގެ ސީއީއޯ ފަރުހަތު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވީ އެމްއާރްއައި މެޝިނު ބޭނުން ކުރުން ލަސްވެގެން ދިޔައީ ދިމާވި ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ފަރުހަތު ވިދާޅުވީ އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގައި ހިދުމަތް ދެވޭ ވަރު ވާނެ ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ބެހެއްޓި އެމްއާރުއައި މެޝިން: އެމްއާރްއައި ހެދުމަށް 200 މީހުން ކިޔުގައި ޖެހިފައިވާ ކަމަށާއި އަންނަ ހަފްތާގައި ހިދުމަތް ދެވެން ފެށޭނެ ކަމަށް އައިޖީއެމްއެޗުން މިއަދު ވަނީ ބުނެފައި -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"އަޅުގަނޑުމެން އެމްއާރްއައި ސާވިސް އާއްމުންނަށް ދިނުމަށް ނިންމި ދުވަހަށް އެ ހިދުމަތް ނުދެވި ލަސްވެގެން ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން. އެއީ ދެ ކަމެއް ދިމާވީ، އެއް ކަމަކީ ހިއުމިޑިޓީ އިޝޫއެއް. އެކަން އެވަނީ ހައްލު ކޮށްފައި. ދެން ދިމާވީ އޭގެ ކެލިބެރޭޝަނާއި އޭގެ ޓެސްޓިންގެ މަސައްކަތް ކުރަމުން ދަނިކޮށް އޭގެ ކުޑަ ބޯޑެއްގެ މައްސަލަ ޖެހިގެން އޭތި ޖެހުނީ ބޭރުން ގެންނަން. ދެން އެ ބޯޑުވެސް މިހާރު އެވަނީ އަޅުވާފައި. އާދިއްތަ ދުވަހަށް ހިދުމަތް ދެވެން ފެށޭ ވަރު ވާނެ ކަމަށް މި ބަލަނީ،" ފަރުހަތު ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވީ އެމްއާރްއައި މެޝިނު ބެހެއްޓި ދުވަހުން ފެށިގެން އެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ދިޔަ ކަމަށެވެ.

އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް އެމްއާރުއައި މެޝިނެއް ބަހައްޓައި، އެމްއާރުއައިގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.