07 Apr 2011, 20:23
20:24 މިދިޔަ މަހުގެ ކުރީގެކޮޅު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި އެގައުމަށް ވަޒަންނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެ، އެތައް ހާސް ބަޔަކު މަރުވެފައި ވަނިކޮށް މިއަދު އަނެއްކާ ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނެރެފި އެވެ.
އެ ބިންހެލުން އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.4ގެ ބާރުމިނުގައި ކަމަށް ކުރީގެ ރިޕޯޓުތައް ބުނެފައިވާ ނަމަވެސް، އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ ޑިޕާޓްމަންޓުން ވަނީ އެ ބިންހެލުން އައިސްފައިވަނީ 7.1 ގެ ބާރުމިނުގައި ކަމަށް ބުނެފަ އެވެ.
މި ބިންހެލުމުގައި ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ރިކްޓާ މިންގަނޑުން 8.9ގެ ބާރުމިނުގައި ޖަޕާނަށް އައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޖަޕާނުގެ އިރު އުތުރު ސަރަހައްދަށް ކަމަށް ޚަބަރުތައް ބުނެ އެވެ.
އަދި އެބިންހެލުމުގެ ސަބަބުން އުސްމިނުގައި ދެމީޓަރު ހުންނަ ވަރުގެ ސުނާމީއެއް އަރާފާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި ބިންތިރި، މޫދާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އުސް ހިސާބުތަކަށް ދިއުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ކުރިން އައި ބިންހެލުމުގައި މައްސަލަ ޖެހި، ރޭޑިއޭޝަންގެ އަސަރު ލީކުވަމުންދާ ފުކުޝިމާގެ ނިއުކްލިއާ އިންޖީނުގެއަށް އެ ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޖަޕާނުގެ ގައުމީ ޓީވީ ޗެނަލުތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ. އަދި ފުކުޝިމާގެ އިންޖީނުގެތަކުން ލީކުވަމުންދާ ރޭޑިއޭޝަންގެ އަސަރު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ މީހުން އެތަނުން ނުކުތަމަށް ވެސް ވަނީ އަންގައިފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ ފުކުޝިމާގެ އުތުރުން 117 ކިލޯމީޓަރު ދުރުންނެވެ.
ޖަޕާނަށް މިދިޔަ މަހު އައި ބިންހެލުމުގައި މަރުވެފައި ނުވަތަ ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ އަދަދު 28،000 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.