03 Dec 2015, 14:57
މޮސްކޯ (ޑިސެމްބަރު 3) :ތުރުކީ އިން އައިސްއާ އެކު ތެލުގެ ވިޔަފާރި ކުރާކަން ސާބިތު ކޮށްދޭ ހެކި އެބަހުރި ކަމަށް ރަޝިޔާގެ އަސްކަރިއްޔާގެ އިސް ފަރާތްތަކުން އިއްޔެ ބުނެފި އެވެ.
ރަޝިޔާ އިން ތުހުމަތު ކުރާ ގޮތުގައި ތުރުކީ އިން ރަޝިޔާގެ ހަނގުރާމަމަތީ ބޯޓު ވައްޓާލާފައި ވަނީ އައިއެސްއާ އެކު ތުރުކީ އިން ކުރަމުން އަންނަ ތެލުގެ ވަގު ވިޔަފާރި ރައްކާތެރި ކުރުމުގެ ގޮތުންނެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އައިއެސްއާއި ތުރުކީއާ ދެމެދު އޮތް ކަމަށް ރަޝިޔާ އިން އިން ބުނާ ގުޅުން، ރަޝިޔާ އަށް ސާބިތު ކުރެވިއްޖެ ނަމަ ވެރިކަމުން ފައިބައިވަޑައިގަންނަވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީ އިން ވަނީ އައިއެސް އިން ހިސާރުކޮށްފައިވާ ސީރިޔާ އާއި އިރާގުގެ ސަރަހައްދުތަކުން ނަގާ ތެޔޮ އަޅާފައިވާ ޓޭންކާއި ޓްރަކްތައް ތުރުކީ އަށް ވަންނަތަން ދައްކާ ކަމަށް ބުނާ ސެޓެލައިޓް ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. އަދި ސީރިޔާ އާއި އިރާގުން ތުރުކީ އަށް އައިއެސްއިން ތެޔޮ އެތެރެ ކުރާ މަގުތައް ދައްކާކަމަށް ބުނާ މެޕެއް ވެސް އިއްޔެ ދައްކައިފަ އެވެ. ޑިފެންސް މިނިސްޓްރީ އިން ވަނީ އިތުރު ހެކި އަދިވެސް އާއްމު ކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، ތުރުކީގެ ރައީސް އުރުދުޣާންގެ އާއިލާ އިން ވެސް އައިއެސްއާ އެއްކޮށް ކުރާ ތެލުގެ ވިޔަފާރީގައި ބައިވެރިވާ ކަމަށް ރަޝިޔާ އިން ބުނެފައިވެ އެވެ.
"ސީރިޔާއާއި އިރާގުގެ ތެޔޮ ނުހައްގުން އެންމެ ގިނައިން ބޭނުން ކުރާ ގައުމަކީ ތުރުކީ. ރަޝިޔާ އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތުރުކީ ސަރުކާރުގެ އިސް ފަރަތްތަކާއި، ރައީސް އުރުދުޣާންގެ އާއިލާއިން ވެސް އައިއެސްއާ ކުރާ ތެލުގެ ވިޔަފާރީގައި ބައިވެރިވޭ،" ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އެނަޓޮލީ އެންޓޮނޯވް ވިދާޅުވި އެވެ.
ތުރުކީގެ އެނާޖީ މިނިސްޓަރުގެ މަގާމު އަދާކުރައްވަނީ އުރުދުޢާންގެ ފިރިހެން ދަރިކަލުންކަން އެންޓޮނޯވް ފާހަގަ ކުރެއްވި އެވެ. ނަމަވެސް، އުރުދުޣާންގެ އާއިލާއާ ދެކޮޅަށް އިތުރު ހެއްކެއް ރަޝިޔާއިން އަދި އާއްމުކޮށްފައިނުވެ އެވެ.
މައުލޫމާތު: ސީއެންއެން