ޓެރަރިޒަމް މަނާ ކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޓެރަރިސްޓް ޖަމާއަތްތައް ރައީސް އަބްދުﷲ ޔާމީން ކަނޑަނޭޅުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެޕާޓީގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް އދ. އިންނާއި ދުނިޔޭގެ ގައުމުތަކުން ކަނޑައަޅާފައިވާ އެކިއެކި ޖަމާޢަތްތަކުގެ ލިސްޓް ބައިނަލްއަގުވާމީގޮތުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ރާއްޖޭގެ ގާނޫނުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވަކި މުއްދަތެއްގެ ތެރޭގައި ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅުއްވައި ޝާޢިއުކުރެއްވުމަށް ލާޒިމުކޮށްފައިވާ އިރު، އެކަން އެގޮތަށް ނުކުރެއްވުމަކީ ގާނޫނާ ޚިލާފަށް ރައީސް ވެވަޑައިގެންފައިވާ ބޮޑު އިހުމާލެއް ކަމަށެވެ.

"މީގެ އިތުރުން، ޙަގީގީ މާނާގައި ޓެރަރިޒަމް ހުއްޓުވުމުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެގެންދާ ކަމެއްކަމަށް ދެކެމެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅުއްވައި ޝާޢިއުނުކުރެއްވުމުގެ ނަތީޖާއަކީ އދ. އިންނާއި ދުނިޔޭގެ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ކަނޑައަޅާފައިވާ ޖަމާޢަތްތައް ރާއްޖޭގެ ޤާނޫނުގެ ދަށުން ނުވަތަ ސަރުކާރުގެ ނަޒަރުގައި ޓެރަރިސްޓް ޖަމާޢަތްތަކެއްކަމަށް ކަނޑައެޅިގެންނުދިއުމެވެ. އޭގެ ސަބަބުން ރާއްޖޭގައި އެފަދަ ޓެރަރިސްޓް ޖަމާޢަތްތަކުގެ ނަމާއި، އެ ޖަމާޢަތްތައް ރަމްޒުކޮށްދޭ ނިޝާންތަކާއި، މޮޓޯތައް ބޭނުންކުރުމާއި، ޕްރޮމޯޓްކުރުމާއި، އެ ޖަމާޢަތްތަކުގެ މެސެޖްތައް ފެތުރުން ފަދަ ޢަމަލުތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ "ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު" ގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ކުރެއްވުމަށް ލާޒިމުކޮށްފައިވާ ކަންކަން ކުރެއްވުމުގައި ރައީސް ޔާމިން އިޙްމާލުވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ވަކި މުއްދަތެއް ގާނޫނުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ނުކުރުމުން އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މީގެ ކުރިން ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅައި އެ ލިސްޓް ގެޒެޓުގައި ޝާއިއުކުރުމަށް ގާނޫނުގައި އޮންނަ މާއްދާ އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދީފައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަމަށެވެ.

"ޓެރަރިޒަމް މަނާ ކުރުމުގެ ބިލް"ގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.