ރާއްޖެ އޮތް ސަރަހައްދަށް އާއްމުކޮށް ވާރޭ ވެހޭ ވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފި އެވެ.

އެ އިދާރާ އިން ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ކޮންސެންސަސް ފޯކާސްޓްގައި ބުނެފައި ވަނީ ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެ އޮތް ސަރަހައްދަށް، އާއްމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން އެގޮތަށް ލަފާކޮށްފައި ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި، ތަފާތު މޮޑެލްތައް ބޭނުންކޮށްގެން ލަފާކޮށްފައިވާ ލަފާކުރުންތައް ދިރާސާކޮށްގެންނެވެ.

މޫސުމާ ބެހޭ އިދާރާގެ ލިއުމުގައި ބުނެފައި ވަނީ ވަރުގަދަ އެލްނިނޯއެއްގެ އަސަރު، ޕެސިފިކް ކަނޑުގެ ސަރަހައްދަށް ކުރަމުންދާ ކަމަށާއި ނަމަވެސް މި ސަރަހައްދުގެ ޕްރެސިޕިޓޭޝަން އާއި ފިނިހޫނުމިނަށް އެކަމުގެ ސަބަބުން އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށާއި ރާއްޖެއާ ކައިރީގައިވާ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ވެސް ދަނީ ވިއްސާރަކުރަމުންނެވެ.