ރިޝްވަތުގެ ތުހުމަތުގައި ފީފާގެ އިސް ދެ އޮފިޝަލަކު ސްވިޒަލެންޑުގެ ހޮޓަލަކުން މިއަދު ހައްޔަރުކޮށްފިވާ އިރު އެ ތަހްގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ފީފާއިން ބުނެފި އެވެ.

ފީފާ އިން މިއަދު ނެރެފައިވާ ކުރު ބަޔާނެއްގައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރާ ތަހުގީގަކަށް، ސުވިޒަލެންޑް ފުލުހުން އެ ޖަމިއްޔާގެ އޮފިޝަލުންތަކެއް ހައްޔަރުކުރިކަން އެނގިފައިވާ ކަމަށާއި އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ޔޫއެސް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ އެ ތަހްގީގަށް ފީފާ އިން ރަނގަޅަށް ފާރަވެރިވެ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފީފާގެ އެ ދެ އޮފިޝަލުން ހައްޔަރުކުރީ ފީފާގެ ބައްދަލުވުންތަކަށް ސުވިޒަލެންޑުގެ ޒިއުރިކަށް ދަތުރުކުރާ އޮފިޝަލުން ތިބޭ ހޮޓަލަކުންނެވެ. ދެ ދުވަހަށް ކުރިއައްދާ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ހާއްސަ މަޝްވަރާ ބައްދަލުވުންތަކެއް މިހާރު ވަނީ ފަށައިފަ އެވެ.

މިއަހަރުގެ މޭ މަހު ފީފާގެ ކޮންގްރެސް ފަށަން ތައްޔާރުވެފައި ވަނިކޮށް ސުވިޒަލެންޑްގެ ފުލުހުން ވަނީ ހަމަ އެ ހޮޓަލުން ފީފާގެ ހަތް އޮފިޝަލުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ފީފާގެ ކުރީގެ ނައިބް ރައީސް އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖެފްރީ ވެބް ހިމެނެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ސަސްޕެންސަނުގައި ތިބި އިރު މިހާރު ވަގުތީ ގޮތުން ފީފާ ހިންގަނީ ސީނިއާ ވައިސް ޕްރެޒިޑެންޓް އީސާ ހަޔަތޫ އެވެ.

އަންނަ އަހަރު ފީފާގެ އިންތިޚާބު ބާއްވާ އިރު އެ އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓުން ވެސް ވަނީ މިހާރު ފީފާ އިން އިއުލާން ކޮށްފަ އެވެ.