03 Dec 2015, 14:17
މާލެއިން ފުރައިގެން ވިލިމާލެއަށް އަރައި މާރާމާރީ ހިންގި މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެ މީހުންތައް ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މީހުން ދޫކޮށްލީ ކޮން ދުވަހެއްގައި ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.
ވިލިމާލެއަށް އަރައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހަތް މީހެކެވެ.
އެ މީހުންތައް ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވިލިމާލެ އިން ނެވެ. އެ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހުއްޓަ އެވެ. އަދި ބާކީ ތިބި ފަސް މީހުން ހައްޔަރުކުރީ އެ ރަށުގެ ޕާކެއްގެ ތެރެއިން ނެވެ.
އެ މާރާމާރީގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.