03 Dec 2015, 14:22
އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ނެތި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ރަސްމީ ޔުނީފޯމަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ އެ ފަދަ މައްސަލައެއް ދިމާވެފައި ވާކަން "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެޑިޔުކޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ ސްކޫލްގެ ޔުނީފޯމް ބަދަލު ކުރިކަން އަންގާފައި ވަނީ މިނިސްޓްރީ އަށް އެންގުމަކާ ނުލައި ހުއްދަ ވެސް ނުހޯދާ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުން ބޭނުން ކުރުމަށް ނިންމާފައިވާ ޔުނީފޯމްގެ ޑިޒައިން - ފޮޓޯ: ފޭސްބުކް
ނަމަވެސް މިހާރު މިނިސްޓްރީން ވާނީ 2016 ވަނަ އަހަރުން ފެށިގެން އެ ސްކޫލަށް އައު ޔުނީފޯމެއް ބޭނުންކުރުމުގެ ހުއްދަ ދީ، ޔުނީފޯމެއް ފާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަހަލަ އެއްވެސް ކަމެއް މިނިސްޓްރީގެ ހުއްދައަކާއި ނުލައި ނުކުރެވޭނެ. ބައިވަރު ޕްރޮސެސްތައް ހުންނާނެ. އެކަމަކު މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ ކޭސް ބެލުމަށް ފަހު ޔުނީފޯމްގެ މައްސަލަ ވާނީ ހައްލު ކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

2016 ވަނަ އަހަރުން ފެށިގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުން ބޭނުން ކުރުމަށް ނިންމާފައިވާ ޔުނީފޯމްގެ ޑިޒައިން - ފޮޓޯ: ފޭސްބުކް
އޮފިޝަލް ވިދާޅުވީ މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ.
މިނިސްޓްރީއަށް އެންގުމަކާ ނުލައި ޔުނީފޯމް ބަދަލު ކުރުމަށް ނިންމި އިރު ސްކޫލު ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ އެޑިއުކޭޝަން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.