އިސްލާމްއާބާދު (ޑިސެމްބަރ 2) :ޕާކިސްތާނުގައި ބޭއްވި ތާލިބާނުންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުގެ އިސް ވެރިންގެ މެދުގައި ހިނގައި ދިޔަ ހަމަލާ ބަދަލު ކުރުންތަކެއްގައި ތާލިބާނުންގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ ކަމަށް ތާލިބާނަށް ނިސްބަތްވާ ފަރާތްތަކުން ބުނެފި އެވެ.

ހަމަނުޖެހުންތައް ހިނގާފައި ވަނީ ޕާކިސްތާނުގައި ހުންނަ ތާލިބާނުންގެ ކޮމާންޑަރެއް ކަމަށްވާ އަބްދުﷲ ސަރުހާދީގެ ގޭގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ހިޔާލު ތަފާތުވުންތައް އުފެދި، މައްސަލަ ހޫނުވުމުގެ ސަބަބުންނެވެ. ސަރުހާދީ އަކީ ގުއަންޓަނާމޯ ބޭ ޖަލުގައި އަހަރުތަކެއް ހޭދަ ކޮށްފައިވާ މީހެއް ކަމުން އޭނާ އަކީ ތާލިބާނުންގެ މެދުގައި ގަދަރު ލިބިފައިވާ އިސް ފަރާތެކެވެ.

ތާލިބާނުންގެ އެހެން ކޮމާންޑަރަކު ބުނި ގޮތުގައި އެ ހާދިސާގައި ތާލިބާނުގެ ފަސް ހަނގުރާމަވެރިއަކު މަރުވި އެވެ. އަދި މަންސޫރުގެ ގަޔަށް ހަތަރު ވަޒަން އެރުމުގެ ސަބަބުން އޭނާ އަށް ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް، ތާލިބާނުންގެ ތަރުޖަމާނު، ޒަބީހުﷲ މުޖާހިދު ވަނީ އެ ހާދިސާ ހިނގި ކަމަށް ބުނާ ބުނުން ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މަންސޫރު ހުރީ ގަދަވެ ސަލާމަތުން އަފްގާނިސްތާނުގައި އެވެ.

ތާލިބާން ޖަމާއަތް ވުޖޫދައް ގެނައި މުއްލާ އުމަރު މަރުވި ހަބަރު ތާލިބާނުން އާއްމުކޮށްފައި ވަނީ އޭނާ މަރުވިތާ ދެ އަހަރު ފަހުން މިއަހަރުގެ ޖުލައި މަހުގައި އެވެ. އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ މުއްލާ އަޚްތަރު މަންސޫރު ވަނީ ތާލިބާނުންގެ ވެރިއަކަށް ހޮވާފަ އެވެ.

ނަމަވެސް ތާލިބާނުންގެ ގިނަ ބަޔަކު އޭނާގެ ވެރިކަން ގަބޫލު ކުރުމަށް ދެކޮޅުހަދަ އެވެ. އަދި ބައެއް އިސް ފަރާތްތަކުން ވަނީ މަންސޫރާ ދެކޮޅަށް ފެކްޝަނެއް ހަދާފަ އެވެ.

މިއަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ސަރުކާރުން ވަނީ ތާލިބާން ހަނގުރާމަވެރިންނާ އެކު ސުލްހައިގެ ވާހަކަތައް ދައްކާފަ އެވެ. ނަމަވެސް، ތާލިބާނުންގެ އޭރުގެ ލީޑަރު މުއްލާ އުމަރު މަރުވި ކަން ހާމަކުރުމަށް ފަހު އެވާހަކަ ދެއްކުންތައް ވަނީ ހުއްޓާލައިފަ އެވެ.

މައުލޫމާތު: ބީބީސީ