03 Dec 2015, 12:45
ސަރުކާރުގެ ހުރިހާ ހޮސްޕިޓަލަކާއި އަދި ހުރިހާ ސިއްހީ މަރުކަޒުތަކުން އެލައިޑު ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ހެލްތު މިނިސްޓުރީއާ އެލައިޑުން އެއްބަސްވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމާ އާދަމް އެވެ. އެލައިޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމާ ވިދާޅުވީ އެލައިޑު ހެލްތު އިންޝުއަރެންސްގެ ހިދުމަތް މިހާރު ލިބެމުން ދަނީ ރާއްޖޭގެ މަދު އަތޮޅަކަށް ކަމަށާއި އެހެންނަމަވެސް މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ޚިދުމަތްތައް ދޭ ސަރުކާރުގެ ހުރިހާ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން އެލައިޑު ހެލްތު އިންޝުއަރެންސްގެ ހިދުމަތް އާއްމުންނަށް ލިބިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓަރު އިރުތިޝާމާ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އާއްމުންނަށް ލިބެން ޖެހޭ ހިދުމަތް ލިބެމުން ދޭތޯ ހެލްތު މިނިސްޓްރީން ބަލަމުން ގެންދާނެ ކަމަށެވެ.
"ސިއްހީ ހިދުމަތުގައި އިންޝުއަރެންސް ދެމުން ގެންދާ ގޮތާއި އަދި އެކަންތައްތަކުގައި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އެ ފިޔަވަޅު އެޅުމުގައި މިނިސްޓްރީން ޒިންމާވެ ފިޔަވަޅު އަޅަމުން ވެސް ގެންދާނެ،" އިރުތިޝާމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތް ދިނުމުގައި ރައްޔިތުން އިތުބާރު ކުރާ ފަދަ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެލައިޑު ހެލްތު އިންޝުއަރެންސަކީ އާއްމު ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭ ހިދުމަތެ ކެވެ. އަދި އެ ހިދުމަތް ގިނަ ބަޔަކު މިހާރު އަންނަނީ ބޭނުން ކުރަމުން ނެވެ.