ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު)ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ފުލުހުންފެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ޝުމްބާގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކުރީ އިއްޔެ ކަމަށެވެ. އެންމެ ފަހުން ޝުމްބާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

ޝުމްބާ ގޮންގްއާ ބެހޭ ގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ޝުމްބާ ގޮންގް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.