07 Apr 2011, 18:43
ހައިކޯޓުގެ އަމުރާ ގުޅިގެން ކެލާގައި އަލުން ކައުންސިލް އިންތިހާބުގެ ވޯޓު ނެގުމަށް 48 ގަޑިއިރަށްވުރެ ކުޑަތަންވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެރަށަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ނަޝީދު ކެލަ އަށް ވަޑައިގަތީ ކައުންސިލްތަކުގެ ކަންކަން ހިންގުމުގައި ސަރުކާރުގެ ޕްރޮގްރާމްތަކާއި އެކަންތައް ހިންގުމަށް ރޭވިފައި ހުރި އިންތިޒާމްތަކާ ގުޅޭ ގޮތުން ކައުންސިލްތަކާ މަޝްވަރާކުރުމަށް އެމަނިކުފާނު ހއ. އަދި ހދ. ގެ އަތޮޅުތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު މެންދުރު ވިދާޅުވީ، ކެލާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ނަޝީދު އެރަށު ކައުންސިލަރުންނާ މިރޭ ބައްދަލުކުރައްވާނެ ކަމަށާއި އަދި އެރަށުގައި ސަރުކާރުން ހިންގާ މަޝްރޫއާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާނެ ކަމަށެވެ.
ނަމަވެސް، އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ކެލާގެ ރަށު ކައުންސިލާއި އެދާއިރާއިން އަތޮޅު ކައުންސިލަށް ދެބޭފުޅުން ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ ކެންސަލްކޮށް، ހައިކޯޓުން އަލުން އެރަށުގައި ވޯޓު ނެގުމަށް ހުކުމްކުރުމާ ގުޅިގެން އެރަށުގެ ކައުންސިލް އަދި އިންތިހާބުކޮށްފައެއް ނުވެ އެވެ.
އެ ހުކުމާ ގުޅިގެން އެރަށުގައި ވޯޓު އަލުން ވޯޓު ނެގުން އޮތީ ހޮނިހިރު ދުވަހު 8:00 އިން ހަވީރު 4:00 އަށެވެ.
އިލެކްޝަންސް އިން އާއްމުކުރި ކެލާގެ ވޯޓް ފޮށީގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ރަށު ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޑީއާރުޕީންނެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީ އަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ.
އެމްޑީޕީން ކެލާގެ ވޯޓު މައްސަލަ ހައިކޯޓަށް ވެއްދީ އިލެކްޝަންސްއިން ވޯޓު ނެގި ދުވަހު އަމަލުކުރި ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވޯޓުލުމުގެ ހައްގު ގެއްލިގެންގޮސްފައިވާ ކަމަށް ބުނެ އެވެ. ކެލާގެ އާބާދީގެ ތެރެއިން 1400 އަށްވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާއިރު، ނިމިގެން ދިޔަ އިންތިހާބުގައި ކެލާގައި ވޯޓްލާފައި ވަނީ 361 މީހުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިންތިހާބަށް އެހާކުޑަތަންވެފައިވަނިކޮށް ރައީސް ނަޝީދު ކެލައަށް ވަޑައިގަންނަވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކެމްޕޭނު ކުރެއްވުމަށެވެ. ނަމަވެސް، އެކަން ރައީސް އޮފީހުން ދޮގުކުރެ އެވެ.