03 Dec 2015, 12:10
ރާއްޖޭގެ ހާލަތަށް ބަލާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތާއި ތަފާސްހިސާބު އެކަށީގެންވާ ގޮތަށް ބަލަހައްޓާނެ ނިޒާމެއް ގާއިމްވެފައި ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތާއި ތަފާސްހިސާބު ބަލަހައްޓާނެ ނިޒާމެއް ރާއްޖޭގައި ނެތުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ހާލަތު ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ގޮވާލާ އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުގައިވާ ފަދައިން އާންމުންނެކޭ އެއްގޮތަށް އުޅުމުގެ ފުރުސަތު އެމީހުންނަށް ވެސް ދޭން ޖެހޭ ކަމަށެވެ.
އެޗްއާރުސީއެމްގެ ގޮވާލުން
- އެހެން މީހުން ދިރިއުޅޭ މާހައުލާ އާންމު ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަދެނުކުމެ އުޅެވޭގޮތް ހެދުން
- ވަޒީފާގެ ފުރުސަތު ދިނުން
- މަސައްކަތުގެ މާހައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުސަތު ލިބިދިނުން
- ކަނކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ގޮތްތަށް ފަހިކޮށްދިނުން
- ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުން
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިއާރަކަށް އދ. އިން މިއަހަރު ކަނޑައަޅާފައި ވަނީ "ބައިވެރި ކުރުން މުހިންމު - އެކި ފަންތީގެ ކުޅަދާނަކަން ލިބިފައިވާ ފަރާތްތައް ބައިވެރިކުރުމާއި ބާރުވެރިކުރުން" މެވެ.