03 Dec 2015, 12:19
އެއްވެސް ކުންފުންޏަކުން އާއްމު ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ޕްރޮމޯޝަނެއް ކުރިއަކަށް ނުގެންދާނެ ކަމަށާއި އެކަމަށް ސަމާލުމަށް ކުންފުނިތަކުން އިލްތިމާސްކޮށްފި އެވެ.
ދިރާގާއި ފުލުހުންނާއި އުރީދޫގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވީ ދުނިޔޭގެ ޓެކުނޮލޮޖީ އެއް ދުވަހުން އަނެއް ދުވަހަށް ކުރި އަރަމުން އަންނަ އިރު އެފަދަ ކަންކަމަށް އާއްމު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އިނގޭ އީމެއިލް ތައާރަފުވެގެން އައި އިރުވެސް އެބަހުރި އައިސްފައި މިތަން މިލިއަން ޕައުންޑެއް ހޯދަން ނުވަތަ މިތައް މިލިއަން ރުފިޔާއެއް ހޯދަން އެކައުންޓަކަށް މިވެނި ވަރަކަށް ފައިސާ ހޯދާ ދޭށޭ. މިކަން ކުރާ ބަޔަކު ވެސް މި އަންނަނީ ޓެކްނޮލޮޖީ ކުރިއަރަމުން ދާވަރަކަށް ކުރިއަރަމުން. އާއްމުންނަށް ފޯނު ކޯލެއް ކޮށްލަނީ މި ވަކި ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިގެންނޭ ކިޔައިގެން. ދެން މި ބުނަނީ ވަކި ނަންބަރަކަށް ރީލޯޑެއް ކޮށްލާށޭ. އެކަމަކު އެއްވެސް ކުންފުންޏަކުންނެއް އަޅުގަނޑަކަށް ހިއެއް ނުވޭ ޕްރޮމޯޝަނެއް ބާއްވާނެހެންނެއް ފައިސާ ހޯދުމުގެ ގޮތުން ރީލޯޑު ކުރައްވާށޭ ކިޔާފައެއް،" މިރުޝާން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރީޓައިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތަކާ އެކައުންޓުގެ މައުލޫމާތުތައް ހޯދުމަށް ބައެއް ފަރާތްތަކުން ގުޅަމުންދާ ކަމުގެ ޝަކުވާ އެ ބޭންކަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެފަދަ ފޯނު ކޯލުތައް ކުރަމުން ދަނީ ބީއެމްއެލްގެ ނަމުގައި ކަމަށާއި އެފަދަ ކޯލުތައް އެފަރާތްތަކުން ކުރަމުން ދަނީ އާއްމު ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން އެކަމުގައި ކުޑަވެސް ޝައްކެއް އެއްވެސް މީހަކަށް ނުވާ ގޮތަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިސާލަކަށް ގުޅާފައި އެބަ ބުނޭ ބޭންކުން މިވެނި ޕުރޮމޯޝަނެއް ފަށަނީއޭ ތިބޭފުޅާއަކީ މި ޕުރޮމޯޝަނަށް ވަރަށް ކޮލިފައިވާ ބޭފުޅެކޭ ތިބޭފުޅާގެ އެކައުންޓް ވަރަށް ރަނގަޅަށް ރޯލުވެފައި އެބަހުއްޓޭ. ދެން ވަކި ހިސާބަކުން ބުނަމުން މިދަނީ ކާޑުގެ މައުލޫމާތު ދިނުމަށް. ކާޑުގެ އެކްސްޕައިރި ޑޭޓާއި ކާޑުގެ ސެކިއުރިޓީ ކޯޑު ކިޔައިދޭން މި ބުނަނީ. ދެން ކާޑުގައި ހުންނަ ނަންބަރު އަހާއިރު ވެސް އެ ކޯލު ކުރާ ފަރާތުން އެބަ ކިޔާ ކާޑުގެ ފުރަތަމަ ހަ ނަންބަރު. ކިޔާފައި މި ބުނަނީ ބާކީ ހުރި ނަންބަރުތައް ކިޔާލަދޭށޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެގޮތަށް ކާޑުގެ ނަންބަރު ދޭން ބުނާ އިރު ބޭންކުން ދޫކުރާ ކޮންމެ ކާޑެއްގައި ވެސް ފުރަތަމަ ހަ ނަންބަރު އެއްގޮތް ވާނެ ކަމަށެވެ. އަދި އެއީ ބޭންކުގެ އައިޑެންޓިފިކޭޝަން ނަންބަރުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެފަދަ ގޮތް ގޮތަށް އާއްމުންނަށް ގުޅަމުންދާ ފަރާތްތަކުގެ ނަންބަރު ބުލޮކް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަވާޒު ވިދާޅުވީ އެފަދަ މައްސަލަތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި ވަރަށް ގިނަ މައުލޫމާތުތަކެއް އެއް ކުރަންޖެހޭ މައްސަލަތަކެއް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް އިލްތިމާސްކުރަން ރައްޔިތުންނަށް އެފަދަ ކޯލުތަކެއް އައި ކަމުގައި ވިޔަސް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް. ފުރަތަމަ ބަލަން ޖެހޭނީ ރައްކާތެރި ކަމާ އެކީ އެކަންކަން ކުރެވޭތޯ. އެކަމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާނެ އެއް ބައެއް އާއްމު ރައްޔިތުންނަކީ ވެސް. އެފަރާތްތަކަށް މި ގުޅަމުން ދަނީ ވެސް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން،" ނަވާޒު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އަދި ދިރާގުން ވެސް ވަނީ ކިތަންމެ ގާތް މީހެއް ކަމުގައިވީ ނަމަވެސް ސިމް ފަދަ އެއްޗެހިން ނަގައި ނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަ އަދި ބޮޑެތި ގެއްލުންތަކެއް އެ ސިމެއް ނަގައިދޭ މީހަކަށް ލިބުން އެކަށީގެންވާ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.
ފުލުހުން ބުނީ ފޯނު ކޯލުތައް މެދުވެރިކޮށް އާއްމު ރައްޔިތުންގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގަމުންދާ ކަމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަންކަން ވަރަށް ސީރިއަސް ކަމާއި އެކީ ފުލުހުން ބަލަމުންދާ ކަމަށް އެފަރާތުން ބުންޏެވެ.