މި ސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމު ހައްގު ވަނީ ޓީސީގެ ކޯޗް މުޙައްމަދު (ނިޒާންބެ) އަށް ކަމަށް އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފި އެވެ.

ގައުމީ ފުޓްބޯޅަދަނޑުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސާންތީ އިއްޔެ ބުނީ މި ސީޒަންގައި ފުރަތަމަ ޑިވިޝަންގައި ޓީސީ އަލަށް ވާދަ ކުރި އަހަރު ވެސް އެފަދަ ޒުވާން ޓީމެއް ގޮވައިގެން ލީގުގެ އެންމެ ކުރީގައި އޮންނަ ޓީމާ އެއް ޕޮއިންޓަށް ތަފާތު ކުޑަ ކުރުމީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ކޯޗުންގެ ހައިސިއްޔަތުން ނިޒާންބެ ތަފާތު ދައްކާފައިވާކަން ސާބިތުވެފައިވާ ކަމަށް ސާންތީ ބުންޏެވެ.

އެހެންކަމުން މި ސީޒަންގެ މޮޅު ކޯޗުގެ އެވޯޑް ނިޒާންބެއަށް ހައްގު ކަމަށް ސާންތީ ބުންޏެވެ.

"އަޅުގަނޑު އޮޕީނިއަންގައި މިހާރު ވެސް އެއް މަގާމު އިނީ ނިމިފައި. މިއަހަރު އަޅުގަނޑަށް އެންމެ މޮޅު ކޯޗަކީ ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ،" ސާންތީ ބުންޏެވެ.

ނިޒާމުބެގެ އިރުޝާދުގެ ދަަށުން ފުރަތަމަ ޑިވިޝަންގައި މިއަހަރު އަލަށް ވާދަކުރި ޓީސީ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދާފަ އެވެ.

ނިޒާންބެ އަބަދުވެސް ފާހަގަ ކުރެވެނީ ކުދި ޓީމުތައް ގޮވައިގެން ނިކުމެ ބޮޑެތި ޓީމުތަކުގެ މައްޗަށް ކާމިޔާބު ހޯދާ ކޯޗެއްގެ ގޮތުގަ އެވެ. އެގޮތުން ނިޒާންބެގެ ކޯޗު ކަމުގެ ދަށުން އޭނާ 2007 ވަނަ އަހަރު ސީޒަންގެ އެންމެ މޮޅު ކުލަބުގެ އެވޯޑް ވިލިމާލެއަށް ނިސްބަތްވާ ވިލިނގިލީ ޔޫތު ސްޕޯޓްސް އެސޯސިއޭޝަން (ވިޔަންސާ) އަށް ވަނީ ހޯދައިދީފަ އެވެ.