03 Dec 2015, 12:35
ބުލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ރެއާލް މެޑްރިޑް ފޯވާޑް ކަރިމް ބެންޒަމާއާ ދެތެރޭގައި އަމަލު ކުރަމުން ދަނީ ކުށްވެރިއަކާ ދޭތެރޭ އަމަލުކުރާ ގޮތަށް ކަމަށް އޭނާ ބުނެފި އެވެ.
ފްރާންސްގެ ޓީއެފް ވަން ރޭޑިއޯ ސްޓޭޝަނަށް ދިން އިންޓަވިއުގައި ބެންޒެމާ ބުނީ ބްލެކްމެއިލް ކުރުމުގެ އެއްވެސް ކަމެއް އޭނާ ހިންގާފައި ނޯންނާނެ ކަމަށާއި އަދި ކުށެއް ކުރިކަން ސާބިތު ވެސް ނުވަނީސް އޭނާއާ ދޭތެރޭގައި އަމަލުކުރަމުންދަނީ ކުށްވެރިންނާ ދޭތެރޭގައި އަމަލު ކުރަމުންދާ ގޮތަށް ކަމަށެވެ.
"ވަލްބުއެނާއާ ގުޅޭ ޓޭޕެއްގެ ވާހަކަ އަޑުއެހިން. އަހަރެން ވަލްބުއެނާ ކައިރީ ބުނިން، މިކަމުގަ އޭނާ އަށް އެހީވާން ބޭނުންވާ ވާހަކަ ވެސް. އެއީ މީގެ ކުރިން އަހަރެން ވާނީ އެ ކަހަލަ ކަމެއް ތަޖްރިބާ ކޮށްފައި. އެހެންވެ އަހަރެން ބޭނުންވީ އޭނާ އެ ކަންތަކުން ސަލާމަތް ކޮށްދޭން،" ބެންޒެމާ ބުންޏެވެ.

މީގެ ކުރިން ފްރާންސްގެ ފުލުހުން ބެންޒެމާ ހައްޔަރު ކޮށްގެން ގެންދަނީ: އޭނާގެ ބަޔާން ނެގުމަށް ފަހު ވަނީ ދޫކޮށްލާފަ --- ފޮޓޯ: ޓެލެ ގްރާފް
ފްރާންސް ގައުމީޓީމްގެ ކުޅުންތެރިއެއް ކަމަށްވާ މެތިއު ވަލްބުއެނާ އަށް ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައި މީގެ ކުރިން ފްރާންސްގެ ފުލުހުން ވަނީ ބެންޒެމާ ހައްޔަރުކޮށް ބަޔާން ނަގައިފަ އެވެ. އެ މައްސަލައިގައި ބެންޒެމާގެ މައްޗަށް ދައުވާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެ ކަންތައްތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކަމުން ބެންޒެމާ ބުނީ، އޭނާ މެތިއުގެ ފުށުން ފައިސާގެ އެއްވެސް ވަރެއް ދޭން ނުބުނާ ކަމަށާއި އެފަދަ ވާހަކަ އެއްވެސް ދެކިވިފައި ނުވާނޭ ކަމަށެވެ.
"އަހަރެންނަކީ ރަނގަޅު އާއްމުދަނީ އެއް ލިބޭ ފުދުންތެރި ދިރިއުޅުމެއް އުޅެމުންދާ މީހެއް. އަހަރެންގެ ރައްޓިހިންނަށް ކޮށްދޭ ކަންތައްތަކުގައި އަހަރެން ބަދަލެއް ހޯދާކަށް ބޭނުމެއް ނޫން." ބެންޒެމާ ބުންޏެވެ.

ފުރާންސް ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ ބެންޒެމާ(ކ) އަދި ވަލްބުއެނާ(ވ): މި ދެކުޅުންތެރިންނަކީ ކުރީގައި ގާތް ދެ ރަހްމަތްތެރިން --- ފޮޓޯ: ދަ ސަން
އެ މައްސަލައާ ގުޅިގެން ބެންޒެމާއަށް ގިނަބަޔަކު ފާޑުކިޔަމުންދާއިރު، ދާދިފަހުން ފްރާންސްގެ ބޮޑުވަޒީރު ވަނީ ބެންޒެމާއަށް ފްރާންސްގެ ގައުމީ ޓީމުން ޖާގައެއް ނެތްކަމަށް ވިދާޅުވެފައެވެ.
ބެންޒެމާ ވަނީ މިހާރު ހިނގަމުންދާ މައްސަލަ ރަނގަޅު ގޮތަކަށް ނިމޭނެ ކަމަށް އުއްމީދުކުރާ ކަމަށް، ބުނެފައެވެ. އަދި ވަލްބުއޭނާއާ އެކީ ފްރާންސްގެ ގައުމީ ޓީމަށް އެނބުރި ގޮސް، އެޓީމަށް ޔޫރޯ ކާމިޔާބުކޮށްދޭން ބޭނުންވާ ކަމަށްވެސް، ބެންޒެމާ ބުންޏެވެ.
ފްރާންސްގެ ގައިމީ ޓީމްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ބެންޒެމާ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން، 80 މެޗުގައި 25 ގޯލް ކާމިޔާބުކޮށްދީފައެވެ.