03 Dec 2015, 11:46
ދިވެހިން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިވުމުގެ ސުންގަޑި މިއަދު 16:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެ އަށް ކުރި ވިއްސާރައިގެ ސަބަބުން އެކްސްޕޯގައި ބައިވެރިވުމަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވުމުން ކަމަށް މައުރަޒު އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ބަދަލަކީ މިހާރު ވެސް ގިނަ އަދަދެއްގެ މީހުން އެކްސްޕޯގައި ބައިވެރިވުމަށް ފޯމް ހުށަހަޅަމުން އައުމާއި މުއްދަތު އިތުރު ކުރުމަށް އެދެމުން އަންނާތީ ގެނައި ބަދަލެއް ކަމަށެވެ.
އެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން އުފެއްދުންތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އަދި ވެސް ވަނީ ހުޅުވާލާފަ އެވެ.
މިމަހުގެ 22 އިން 28 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އެކްސްޕޯގައި، ދިވެހި އުފެއްދިންތެރިކަމާއި ހުނަރު އަދި ތަފާތު ހަރަކާތްތައް ދައްކުވައިދޭނެ އެވެ.
މިފަހަރުގެ މައުރަޒުގައި ތަފާތު 47 ދާއިރާއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ އުމުރެއްގެ ދިވެއްސަކަށް ވެސް އެކްސްޕޯގައި ބައިވެރިވެވޭނެ އެވެ.