03 Dec 2015, 11:34
މާލޭގެ ގެތަކަށް ފެން ފޯރުކޮށްދިނުމަށް އަޅާފައިވާ ހޮޅިތައް ބަދަލުކުރުމުގެ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކުންފުނިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ފެން ބިލްޑިންގްގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިއު އެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރް އިބުރާހީމް ފަޒުލް ރަޝީދެވެ. އަދި އެމްއާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ނާޒިމެވެ.
ފެންހޮޅި ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކުރީ 1.5 މިލިޔަން ރުފިޔާގެ އަގަކަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އިބުރާހީމް ފަޒުލު ރަޝީދު ވިދާޅުވީ މިއަދު ހަވާލު ކުރި މަސައްކަތް އަންނަ އަހަރު ނިންމައި، ފެންހޮޅި ބަދަލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށެވެ. ތިން ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދާ، މުޅި މާލޭގެ ފެންހޮޅި ލައިން ބަދަލުކުރުމުގެ މަޝްރޫއު ނިންމައި ލެވޭނީ 2017 ވަނަ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މާލޭގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ފެނުގެ ޕްރެޝާ އިޝޫ(މައްސަލަ) ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް މި މަސައްކަތަކީ. އެހެންވީމާ މިމަސައްކަތް ނިންމައިލެވޭހާ އަވަހަކަށް މާލޭގެ ފެނުގެ، އެކި އެކި ގޭބިސީތަކަށް ރައްކާތެރިކަމާއި އެކީ މައްޗަށް އަޅުގަނޑުމެން މިފޯރުކޮށްދޭ ފެން ޕްރެޝާގައި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންހޮޅިތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެފަދަ ވަގުތުތަކުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މަސައްކަތް ކުރަމުންދާ އިރު ފެނުގެ ހިދުމަތް މެދު ކެނޑިފައި އޮންނަ ވަގުތު ވީހާވެސް ކުޑަ ކުރުމަށް މަސައް ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީއާއި އެމްއާރްޑީސީން ވެސް ބުންޏެވެ.
"... ހިދުމަތް އަޅުގަނޑުމެންނަށް މެދުކެނޑޭނީ ހަމައެކަނި ކަނެކްޝަން ވަގުތުގައި އެކަނި. އެއީ ހަމަ ވަރަށް ކުޑަ ވަގުތުކޮޅެއްކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެހެންވީމާ އެންޓަޔާ ޕައިޕްލައިން އެޅުމަށް ފަހުގައި ގާތްގަނޑަކަށް އެއް ގަޑި އިރު ނޫނިއްޔާ ދެގަޑިއިރުގެ ތެރޭގައި އެލޮކޭޝަނަކަށް އަޅުގަނޑުމެން އަނބުރާ ހަވާލުކޮށްދޭނަން،" ފަޒުލު ވިދާޅުވި އެވެ.
ފެންހޮޅި ބަދަލުކުރުމުގެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގައި ބަދަލުކުރާނީ މާފަންނު، އޯކިޑްމަގުގެ ހުޅަނގުން އޮތް ސަރަހައްދުގައިވާ ފެންހޮޅިތަކެވެ.