މާލޭގައި ހިންގާ ވައްކަމާއި މާރާމާރީ ފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 53 ގެއަކުން މާރާމަރީ ހިންގުމަށް ބޭނުންކުރާ ތޫނު \"ހަތިޔާރު\" ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޑްއޮފް ސީރިއަސް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް އަބުދުﷲ ނަވާޒު މިއަދު ވިދާޅުވީ ތަފާތު އެކިއެކި މައްސަލަތަކާ ގުޅިގެން ޗެކްކުރި 53 ގޭގެ ތެރެއިން ތޫނު ހަތިޔާރުގެ ގޮތުގައި މާރާމާރީ ހިންގަން ބޭނުން ކުރާ ޒާތުގެ 14 ހަތިޔާރެއް ފެނިފައިވާ ކަމަށެވެ.

ނަވާޒު ވިދާޅުވީ ފުލުހުން މީގެ 20 ކަށް ދުވަސް ކުރިން ފެށި އޮޕަރޭޝަނުގައި މިހާރު ހައްޔަރުގައި ތިބީ 49 މީހުން ކަމަށާއި އަދި އޭގެ ތެރެއިން 21 މީހަކު ގޭބަންދަށް ދޫކޮށްލާފައިވާއިރު ތަފާތު މައްސަލަތަކާ ގުޅިގެން 155 މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.

އަދި ގުރޫޕް ތަކުގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ 101 މީހަކު ހިފަހައްޓާ ސުވާލުކޮށްފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ މިހާރު މާލޭ ތެރޭގައި އުޅޭ ގުރޫޕްތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ނަވާޒު ވިދާޅުވީ މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ތިން ކުއްޖެއް ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ކުއްޖެއްގެ ތަހުގީގު ނިންމުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހައްޔަރުގައި ހުރީ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ފުލުހުން ސުވާލު ކުރަމުން އަންނަ އަންހެން ކުއްޖާ އެކަނި ކަމަށެވެ.

ނަވާޒު ވިދާޅުވީ ތަފާތު މައްސަލަތަކާ ގުޅިގެން ފަސް ވެހިކަލެއް ޓޯކޮށް، ފުލުހުންގެ ޓޯޔާޑަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނާ ގުޅިގެން ބޮޑެތި އަދަދު ތަކުން ފޭރިނުގަނެވުނު ނަމަވެސް ކުދި ކުދި އަދަދުތައް ގެންގުޅޭ މީހުންނާ ދިމާކޮށް ފޭރޭކަން ފާހަގަ ކުރެވޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.