ޗެންނާއީ (ޑިސެމްބަރ2) :އިންޑިއާގެ ޗެންނާއީ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބަނު އިއްޔެ ވެގެންދިޔައީ 137 އަހަރު ވަންދެން މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު ޗާޕު ކުރަމުން އައި ދި ހިންދޫ ޗާޕް ނުކުރެވުނު ފުރަތަމަ ދުވަަސް ކަމަށެވެ.

އިއްޔެ ނޫސް ޗާޕު ކުރެވިފައި ނުވަނީ ޗެންނާއީގެ ގިނަ ސަރަހައްދުތަކުގައި ދަތުރުނުކުރެވޭ ވަރަށް ފެންބޮޑުވުމުގެ ސަބަބުން ޗެންނާއިގެ ރަށްބޭރުގައި ހުންނަ ދި ހިންދޫގެ ހެޑްކުއާޓާސް އަށް އެތާގައި މަސައްކަތްކުރާ ފަރާތްތަކަށް ނުދެވުމުންނެވެ. ދި ހިންދޫގެ ޕަބްލިޝާ އެން މުރާލީ ވިދާޅުވީ އެއީ އެފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރުކަމަށެވެ.

"ދި ހިންދޫގެ ޗާޕުހާނާ ބޮޑުކަމުން އެ އިމާރާތް ހަދާފައި ވަނީ ސިޓީގެ ބޭރުގައި. ނޫސް ޗާޕް ކުރި ނަމަވެސް ޗެންނާއީގެ ރައްޔިތުންނަށް ނޫސް ފޯރު ކޮށްދިނުން ވާނީ އުނދަގޫ ކަމަކަށް،" މުރާލީ ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ޗެންނާއީގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޗެންނާއީގެ ފްލައިޓްތަކާއި ރޭލުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހަ ޑިސްޓުރިކްޓެއްގެ ސްކޫލްތަކާއި ކޮލްޖްތައް ވަނީ ބަންދު ކޮށްފަ އެވެ.

ޗެންނާއީގެ އެހެން ނޫސްތައް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އާއި ނިއު އިންޑިއަން އެކްސްޕްރެސް ވަނީ ޗާޕު ކޮށްފަ އެވެ. ނަމަވެސް، އެ ނޫސްތައް ކިޔުންތެރިންނަށް ފޯރު ކޮށްދެވުނުކަން އެނގިފައެއް ނުވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން މިހާރު ދަނީ ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު: ބީބީސީ