އިނގިރޭސި ލީގް ކަޕްގައި ސައުތުހެމްޓަންގެ މައްޗަށް 1-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ލިވަޕޫލް އެ މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.

ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު އެ މެޗުގެ 45 ވަނަ ސިކުންތުގައި ސަޑިއޯ ކާމިޔާބް ކުރި ގޯލާއެކު އެ ޓީމުން ލީޑް ނަގާފައި ވަނިކޮށް ލިވަޕޫލުން ވަނީ ޑިވޮކް އޮރިގީ ގެ ހެޓްރިކާއެކު ފަހަތުން އަރައި ހަ ގޯލް ކާމިޔާބް ކޮށް ސައުތުހެމްޓަން ލަނދު ގަންނަވާލާފައެވެ.

ލިވަޕޫލުން މެޗުގެ ލީޑު ނެގީ، 25 ވަނަ މިނެޓް އަދި 29 ވަނަ މިނެޓްގައި، ޑެނިއަލް ސްޓަރިޖްގެ ދެ ގޯލުންނެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު، ސްޓަރިޖް ލިވަޕޫލަށް ކުޅެދިން ފުރަތަމަ މެޗެވެ.

އިނގިރޭސި ލީގް ކަޕްގައި ސައުތުހެމްޓަން އާއި ލިވަޕޫލް ކުޅުނު މެޗް ގައި ލިވަޕޫލްގެ ޖޯޑަން ބޯޅަ ފޮނުވާލަނީ --- ފޮޓޯ:އޭޕީ

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން، ލިވަޕޫލްގެ ޒުވާން ފޯވާޑް އޮރީގީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 68 ވަނަ މިނެޓްގައި އޮރީގީ ލިވަޕޫލްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިން އިރު، މެޗުގެ 73 ވަނަ މިނެޓްގައި ޖޯޑަން އައިބް ވަނީ އެޓީމުގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.

އެ މެޗްގައި ލިވަޕޫލްއިން ޖެހި ފަހު ގޯލް މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ، އޮރީގީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ މަހު ހަތަރުވަނަ ދުވަހު ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ ސްޓޯކް ސިޓީއާއެވެ. އަދި ދެވަނަ ސެމީގައި 25 ވަނަ ދުވަހު ބައްދަލުކުރާނީ، މެންޗެސްޓަރ ސިޓީ އާއި އެވަޓަންއެވެ.

އިނގިރޭސި ލީގް ކަޕްގައި ސައުތްހެމްޓަން އާއި ލިވަޕޫލް ކުޅުނު މެޗް ގައި ލިވަޕޫލްގެ ލަނޑު ޖެހުމަށް ފަހު އެ ޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމްގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ރީތި ގޯލްތަކެއް ކާމިޔާބުކޮށް ގިނަ ފުރުސަތު ތަކެއް ވެސް ތަނަވަސް ކުރި ކަމަށެވެ.

"މި މުބާރާތުގައި ވާދަކުރަނީ މޮޅެތި ޓީމްތައް. މި މެޗުންވެސް މޮޅުމިވީ ކުޅުންތެރިންގެ ފަރާތުން ކުރި ބުރަ މަސަތްކަތުން. މުބާރާތް ކާމިޔާބު ކުރެވިދާނެތޯ ނޫން ތޯ އެއް އަދި ނުވިސްނަށް. އެއީ ވަރަށް ވަރުގަދަ ޓީމްތަކާއި ކުރިމަތިލައި މޮޅުވެގެން މުބާރާތް ކާމިޔާބު ކުރެވޭނީ،" ކްލޮޕް ބުންޏެވެ.