03 Dec 2015, 10:30
ބޯކޮށް ވާރޭ ވެހި، ކޯރުތައް ބަންޑުން ޖަހާލުމުގެ ސަބަބުން އިންޑިއާގެ ޗެންނާއީގެ ބޮޑު ބައެއްގައި މިވަނީ ފެން ބޮޑުވެފަ އެވެ. މިހާތަނަށް 197 މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ އިރު، އެތައް ހާސް ބަޔަކު މިވަނީ ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ފާއިތުވި 100 އަހަރުގައި ވެސް ޗެންނާއީ އަށް މިހާ ބޯކޮށް ވާރޭ ވެހުނު މިއީ ފުރަތަމަ ފަހަރެވެ. ވިއްސާރައިގައި ލިބުނު ގެއްލުން ވެސް ބޮޑެވެ. އެތައް ހިސާބަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ގެދޮރު ދޫކޮށް ނުކުންނަން ޖެހުނު މީހުންގެ އަދަދު ވެސް އެހާމެ ގިނަ އެވެ.

ޗެންނާއީ އަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ކުރަމުން ދަނީ --- ފޮޓޯ: އޭޕީ
ޗެންނާއީ އަށް ވިއްސާރަ ކުރަމުންދާ އިރު، އެތަނުގައި ގިނަ އަދަދެއްގެ ދިވެހި އާއިލާތަކެއް ވެސް އަންނަނީ ދިރިއުޅެމުންނެވެ. އަދި ވިއްސާރައިގެ ސަބަބުން ދިވެހި އާއިލާއެއް ވެސް މިވަނީ ހާލުގައި ޖެހި ރައްކާތެރި ހިސާބަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ދަރިވަރަކު ވެސް ވަނީ އެ ދަރިވަރު ހުންނަ ހޮސްޓެލްގައި ފެން ބޮޑުވެ، ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.
ފާހަގަކޮށްލެވުނު ފަދައިން، މިއީ ފާއިތުވި 100 އަހަރުގައި ވެސް ޗެންނާއީއަށް ދިމާވި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް 15 ޓީމު ހަރަކާތްތެރިވަމުން އަންނަ އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 294 މިލި މީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.
ދަތުރުފަތުރު މެދުކެނޑިފައި!
ބޯކޮށް ވާރޭވެހި ކޯރުތައް ބަންޑުންވުމުގެ ސަބަބުން ޗެންނާއީގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އަދި ރޭލު ދަތުރުކުރާ މަގުތަކާއި ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ. މިއާ އެކު ރޭލު ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. އަދި އެއާޕޯޓް ބަންދުކޮށް ފްލައިޓުތައް ވަނީ މެދުކަނޑާލާފަ އެވެ.

ޗެންނާއީ އަށް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް އުނދަގޫ ވާ ވަރަށް ވަނީ ފެންބޮޑުވެފައި - ފޮޓޯ: އޭޕީ
އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އިން ބުނި ގޮތުގައި، އަންނަ އާދީއްތަ ދުވަހާ ހަމައަށް އެއާޕޯޓް ބަންދު ވާނެ އެވެ. މިހާރު ވެސް 3500 އެއްހާ މީހުން އެއާޕޯޓުގައި ތާށިވެފައި ތިބިކަމަށް ލަފާ ކުރެވޭ އިރު، 119 ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ.

ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ފެން ބޮޑުވެފައި. އެއާޕޯޓު ބަންދުކޮށް ފްލައިޓްތައް ވަނީ ކެންސަލް ކޮށްފައި - ފޮޓޯ: އޭޕީ
ދިވެހިރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ސަން އަށް ވިދާޅުވި ގޮތުގައި މިވަގުތު ޗެންނާއީގައި ތިބީ ކިހާ އަދަދެއްގެ ދިވެހިންނެއް ކަން ލަފާކޮށްލަން ވެސް ދައްޗެވެ. މިއީ ޗުއްޓީ ދުވަސްކޮޅަށް ވުމުން، ޗެންނާއީގައި ދިރިއުޅޭ ދިވެހިންގެ އިތުރުން، ޗުއްޓީ ހޭދަކޮށްލަން ނުވަތަ ބޭސް ފަރުވާއަށް ގޮސް ތިބި މީހުން ވެސް މަދު ނުވާނެ ކަމަށް ޤަބޫލު ކުރެވެ އެވެ.
ކަރަންޓާއި ފޯނުގެ ޚިދުމަތް މެދުކެނޑިފައި!
މޮބައިލް ފޯނާއި ފިކްސްޑް ލައންތަކުގެ ޚިދުމަތަށް ވެސް މިވަނީ ބުރޫ އަރައިފަ އެވެ. ނަމަވެސް މޮބައިލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން މިހާރު އަންނަނީ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ގިނަ އޭޓީއެމް ތަކަކުން ޚިދުމަތް މެދުކެނޑިފައިވާ އިރު، ޚިދުމަތް ލިބެން ހުރި އޭޓީއެމްތަކުގައި މީހުން ވަނީ ތޮއްޖެހިފަ އެވެ.
ވިއްސާރައިގައި ލިބުނު ގެއްލުން!
މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ވިއްސާރާގައި މިހާތަނަށް 2.25 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ. ގިނަ ކުންފުނިތަކުން މުވައްޒަފުން ގެއަށް ފޮނުވާލައި، ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވުމުގެ ސަބަބުން އޮފީސްތަކުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުގެ އިތުރުން، ދަތުރު ފަތުރަށް ވެސް ވަނީ ބުރޫއަރާފަ އެވެ.
މީހުން ސަލާމަތް ކުރުމަށް ކުރެވެމުންދާ މަސައްކަތް!
އިންޑިއާގެ ސަލާމަތީ ބާރުތައް ގުޅިގެން، ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކާނާ އާއި ބޯފެނުގެ އިތުރުން ބޭހާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.
އެގޮތުން މިހާތަނަށް އެކި ސަރަހައްދުތަކުގައި ތިބި 1000 އަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ވަނީ ފޯރުކޮށްދީފަ އެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ - ފޮޓޯ: އޭޕީ
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، 72،119 މީހަކު ވަނީ ރިލީފް ކޭމްޕްތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެއާޕޯޓާއި ސަބްވޭތަކުގައި އެތައް ހާސް އަދިވެސް ބަޔަކު ތިބި ކަމަށްވެ އެވެ.
އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާއި އެހީގެ އެހެނިހެން ވަސީލަތްތައްވެސް އެބަހުއްޓެވެ.
ކުރިއަށް އޮތް ހަތަރު ދުވަހުވެސް ވިއްސާރަ ކުރާނެ!
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޗެންނާއީ އަށް ވިއްސާރަ ކުރާނެ އެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެ އެވެ.
ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އެބައޮތް!
ވާރޭ ވެހުން ހުއްޓާލި ނަމަވެސް، ކުރަމުން މިދާ ވިއްސާރައިގެ އަސަރު އަވަހަށް ފިލައިގެން ނުދާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިންޑިއާގެ ސިއްހީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ.