ލަންޑަން (ޑިސެމްބަރ 3):އެމެރިކާ އިސްވެ އޮވެގެން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ސީރިޔާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި އިނގިރޭސިވިލާތުން ބައިވެރިވުމަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.

ދިހަ ގަނޑި އިރަށް ދެމިގެން ދިޔަ ބަހުސަކަށް ފަހު، ސީރިޔާގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 174 ވޯޓުގެ ތަފާތުންނެވެ.

އިނގިރޭސިވިލާތުން އެގޮތަށް ނިންމާފައި ވަނީ ފްރާންސުގެ ޕެރިހަށް ނޮވެމްބަރު 13ގައި ދިން ހަމަލާއަށް ފަހު އައިއެސްއާ ދެކޮޅަށް އެމެރިކާ ކޯލިޝަނުން ކުރާ ހަނގުރާމަ ވަރުގަދަ ކުރުމަށް ފްރާންސުން އެދިފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އިނގިރޭސިވިލާތުގެ އެނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމެރިކާއިން އިސްނަގައިގެން ހަދާފައިވާ ކޯލިޝަންގައި މިހާރުން ފެށިގެން އިނގިރޭސިވިލާތް ބައިވެރިކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަހުސުގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވަނީ އައިއެސް އަކީ އިނގިރޭސިވިލާތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފަ އެވެ.

"(ޓެރަރިސްޓުން އިނގިރޭސިވިލާތަށް) ހަމަލާދެން ދެން އަޅުގަނޑުމެން މަޑުކުރަންވީތޯ، ނޫނީ އެ ނުރައްކާ ނައްތާލުމަށް އަޅުގަނޑުމެންގެ ބައިވެރިން (އެމެރިކާ ކޯލިޝަން) ކުރާ މަސައްކަތުގައި ބައިވެރިވާންވީތޯ؟،" އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ކެމެރަން ސުވާލުކުރެއްވި އެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހެމަންޑް ވިދާޅުވި ގޮތުގައި ސީރިޔާއަށް ހަމަލާ ދިނުމަށް މަޖިލީހުން ފާސްކުރުމާ އެކު ވައިގެ ހަމަލާ ދިނުމަށް އިނގިރޭސި ހަނގުރާމަވެރި މަތިންދާބޯޓުތައް އޮތީ ތައްޔާރަށެވެ.

"މިއީ އިނގިރޭސިވިލާތުގެ ސަލާމަތާއި އަމާން ކަން ޔަގީން ކުރުމަށާއި، ސީރިޔާގެ ހަމަޖެހުމަށްޓަކައި އަޅަންވީ ރަނގަޅު ފިޔަވަޅު،" އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހެމަންޑް ވިދާޅުވި އެވެ.

ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އިނގިރޭސިވިލާތުގެ މިހާރުގެ ސަރުކާރާ އިދިކޮޅު ލޭބާ ޕާޓީގެ ބައެއް ބޭފުޅުންނެވެ. ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ދެކެލައްވާ ގޮތުގައި އެ ހަނގުރާމައިގައި ބައިވެރިވުމުން މެދުއިރުމައްޗަށާއި އިނގިރޭސިވިލާތަށްވެސް ލިބޭނީ ހަމައެކަނި ގެއްލުމެވެ.

މައުލޫމާތު: ސީއެންއެން