03 Dec 2015, 09:54
ކޮޕާ ޑެލްރޭގައި ރޭ ބާސެލޯނާ 1-6 ގެ ނަތީޖާ އަކުން ވިލަނޮވެންސޭ އަތުން މޮޅުވި އިރު ރެއާލް މެޑްރިޑް 1-3ގެ ނަތީޖާއަކުން ކާޑިޒް އަތުން މޮޅުވި ނަމަވެސް، ސަސްޕެންޝަންގައި ހުރި ކުޅުންތެރިއަކު ލައްވައި އެ މެޗުގައި ކުޅުވުމުގެ ސަބަބުން ރެއާލަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުލައި ރަށުން ބޭރުގައި ކުޅުނު އެ މެޗްގައި އެ ޓީމުން ވަނީ ސަސްޕެންޑް ކޮށްފައިފާ ކުޅުންތެރިއެއް ކަމަށްވާ ޑެނިސް ޗެރިޝޭވް އަރުވައިގެން ކުޅެފައެވެ.
މިދިޔަ ސީޒަންގެ ކޮޕާޑެލެރޭގައި ވިޔަރެއާލް އަށް ކުޅުނު ޗެރިޝޭވް އަށް ތިން ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން ކޮޕާޑެލެރޭގައި ރެއާލް އެންމެ ފުރަތަމަ ކުޅޭ މެޗަށް ޗެރިޝޭވް ސަސްޕެންޑްވީ ނަމަވެސް އެނާ ވަނީ ރޭ ރެއާލް ކުޅުނު މެޗްގައި ކުޅެ، އެޓީމުގެ ފުރަތަމަ ގޯލް ތިން ވަނަ މިނެޓްގައި ކާމިޔާބް ކޮށްފައެވެ.

ރެއާލް އާއި ކާޑިޒް ބައްދަލުކުރި މެޗްގައި އެ ޓީމްގެ ޒުވާން ފޯވާޑް ޗެރިޝޭވް --- ފޮޓޯ: އޭޕީ
ރޭގެ މެޗުގައި ރެއާލްގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ، އިސްކޯއެވެ. ކާޑިޒްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ، ކްލިމެންޓްއެވެ.
ރޭގެ މެޗަށް ފަހު ކާޑިޒްއިން ވަނީ ސަސްޕެންޑްކޮށްފައި ހުރި ކުޅުންތެރިއެއް އަރުވައިގެން ކުޅުވުމާ ގުޅިގެން، ރެއާލް މެޑްރިޑް މުބާރާތުން ވަކިކޮށްދިނުމަށް އެދި، ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް މައްސަލަ ހުށަހަޅަން ނިންމާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ޗެރިޝޭވް ފުރިހަމަ ކުރިއިރު އޭނާ ބޭލީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ.
ކާޑިޒްގެ ރައީސް މެނުއަލް ކިޒްކެއިނޯ ވިދާޅުވީ، ރެއާލުން ފުޓްބޯޅައިގެ ގަވާއިދާ ހިލާފްވެފައިވާ އިރު އެ މައްސަލަ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް ހުށަހަޅާނެ ކަމަށާއި ރެއާލްއަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ލިބެންޖެހޭނެ ކަމަށެވެ.

ރޭ ބާސެލޯނާއާއި ވިލަނޮވެންސޭ ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ: އޭޕީ
އެމުބާރާތުގައި ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ސަންޑްރޯގެ ހެޓްރިކާއި އެކު ވިލަނޮވެންސޭ ބަލިކޮށް ބާސާ ވަނީ ގަދަ 16 ޓީމްގެ ތެރޭގައި ހިމެނިފައެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗްގައި، އެޓީމުން ޖެހި ހަ ގޯލްގެ ތެރެއިން ސަންޑްރޯ ތިން ގޯލް ކާމިޔާބުކޮށް ދިން އިރު ޒުވާން ފޯވާޑް މުނީރް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. އަނެއް ގޯލް ކާމިޔާބް ކޮށްދިނީ ޑެނިއަލް އަލްވޭސް އެވެ.
ވިލަނޮވެންސޭގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ، ބްލަޒްކުއޭޒްއެވެ.