03 Dec 2015, 09:24
ނިއު ރޭޑިއަންޓްގެ އުމުރުން 36 އަހަރު ފުރި، ޒުވާން އުމުރު ފަހަނައަޅައި ދިޔައިރުވެސް އެއީ ދިވެހި ފުޓްބޯޅައިގެ ރަސްގެފާނެވެ. ފުޓްބޯޅައިގެ ތަހުތުގައި އިނދެ މިއަހަރު ވެސް އެ ޓީމުން ވަނީ ހައިބަތު ދައްކާލާފަ އެވެ.
މިއަހަރު ނިއު އަށް ހާއްސަ ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރާ އަހަރު ވެސް ލީގުގެ ޗެމްޕިއަންކަން ނިއު ހޯދުމުންނެވެ. މިނިވަން 25ގައި ވެސް ކާމިޔާބީ ހޯދީ އެ ކްލަބުންނެވެ. ރިހި ޔޫބީލާއި ރަން ޔޫބީލްގައި ވެސް ކާމިޔާބު ހޯދުމުން އެ ޓީމުން ވަނީ ތާރީހުގައި އާ ސަފުހާއެއް ލިޔެފަ އެވެ. ފަހުރުވެރި އެ ކާމިޔާބާ އެކު ކުރިއަށް އޮތް ބައި ގަރުނު ތެރޭގައި އެހެން ކްލަބަކަށް ނުހޯދޭނެ ފަދަ ތާރީހެއް ނިއު އިން މި ވަނީ ލިޔެފަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފާހަގަ ކުރާ މިނިވަން 50ގެ އަހަރުގައި ނިއުއިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޝީލްޑް އުފުލާލީ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗަށް ފަހު އެވެ. ކުރިއަށް އެއް މެޗު އޮއްވައި، މިދިޔަ ހޮނިހިރު ދުވަހު ލީގު ޗެމްޕިއަންކަން ނިއު އިން ކަށަވަރު ކުރީ މާޒިޔާ ބަލިކުރުމަށް ފަހު އެވެ. ޗެމްޕިއަންކަން ކަށަވަރުކޮށްގެން ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ފަހު، ނިއުއިން ޝީލްޑް އުފުލައިލީ ތާރީހީ މިނިވަން 25ގެ ޝީލްޑު ވެސް ގައުމީ ފުޓްބޯޅަ ދަނޑަށް ގެނެސްގެންނެވެ.
ނޫސްވެރިންގެ ޝައުގުވެރިކަން އެ ޝީލްޑާ ދިމާލަށް އަމާޒުވީ މީގެ 25 އަހަރު ކުރީގެ އައްޑަނަ ނިއުގެ މިހާރުގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) މީޑިއާއަށް ދައްކާލި ހިސާބުންނެވެ.
މިނިވަން 25ގެ ލޯގޯ ކުރަހާފައިވާ އެ އައްޑަނަ އާއި މި އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ އައްޑަނައާ އެކު އަޑޭ ވަނީ މި ދެ ޔޫބީލްގެ އުފާ ފާޅު ކޮށްފަ އެވެ.

މިނިވަން 25ގެ ޝިލްޑާއެކު ނިއުގެ އަހުމަދު އަބްދުﷲ (ލިލީ)-- އިމޭޖެސް.އެމްވީ/ ހުސައިން ސިނާން
މީގެ 25 އަހަރު ކުރިން 1990 ވަނަ އަހަރު އޭރު ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ނިއުއިން ކާމިޔާބު ކުރީ ފައިނަލާ ހިސާބަށް ވެސް ނުގޮސް ދެ އަހަރު ފާއިތުވި ފަހުންނެވެ. ހިތްދަތި ދެ އަހަރަށް ފަހު ނިއުއިން 1990 ވަނަ އަހަރު ހޯދި ކާމިޔަބީއަކީ މިހާރު ވެސް ނިއުގެ ސަޕޯޓަރުން ހަނދާން ހުންނަ ރަން އަހަރެކެވެ.
އެ އަހަރު އެމުބާރާތުގެ ކާމިޔާބާ އެކު އުފަލުން ގޮސް ލޮލުން ފެން ހިލުނު ނިއުގެ ބައެއް ސަޕޯޓަރުންގެ އިހްސާސްތަކަށް އަދިވެސް ބަދަލެއް ނާދެ އެވެ.
ނިއުއަށް އެ ކާމިޔަބު ހޯދައި ދިނުމުގައި އެންމެ އިސްކޮށް ހުރީ މޫސާ މަނިކު (ކުޑަ މޫސަ) އެވެ. އުމުރުން 50ގެ އަހަރުތައް މިހާރު ގުނަމުންދާ ކުޑަ މޫސައަކީ އޭރު ނޫކަށި ފުރައިގެ ޒުވާނެކެވެ. އޭރުގެ އެންމެ މަޝްހޫރު ފުޓްބޯޅަ މުބާރާތް، ނުވަތަ ގައުމީ މުބާރާތް ނިއު އިން ކާމިޔާބު ކުރީ ވެލެންސިއާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ.
މިނިވަން 50ގެ މޮޅާ އެކު ނިއުއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރީހްގައި އާ ކަންތައްތަކެއް ކޮށްފަ އެވެ. ނަވާރަސްތޭކަ އަށްޑިހަ ހަތް ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމު ތަމްސީލުކޮށްދިނީ ނިއުރޭޑިއަންޓެވެ. މިއީ އެއްވެސް ކްލަބަކަށް ދެން ލިބޭނެ ފުރުސަތެއް ނޫނެވެ. އޭޝިއާގައި އެންމެ އުހަށް ދިޔަ ދިވެހި ކްލަބަކީ ވެސް ނިއުރޭޑިއަންޓެވެ. އެގޮތުން 'އޭއެފްސީ ކަޕް'ގެ ސެމީފައިނަލަށް 2005 ވަނަ އަހަރު ނިއު ދަތުރު ކުރި އެވެ. އެހެންކަމުން އެ ޓީމު ފަހަނައަޅައި އެ ހިސާބަށް ދެވޭނެ ކުލަބަކަށް ދިވެހި ފުޓްބޯޅަ އޮތީ އެދިއެދި އެވެ.
ނިއު ފުޓްބޯޅައިގެ ރަސްކަން ކުރަމުންދާ ދިގު ތާރީހަށް ނިމުންގެންނާނެ ކްލަބެއް އަންނާނެ ތޯއެވެ؟ އަތޮޅު ތެރެއާއި މާލެއިން ފެންނަމުންދާ ޒުވާން ކުޅުންތެރިން ހިމެނެމުންދާ ކުލަބުތަކުން އެމަންޒަރު އެބަ ފެނެ އެވެ.