07 Apr 2011, 16:30
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ފޯނާއި ސިމް ނަގައިފައި ވަނީ ކޮމިޝަނުގެ ނަމުގައި ކަމަށާއި ފޯނު ބިލު ދެއްކުމަށް އަމިއްލައަށް ފާސްކޮށްގެން ފޯނު އެލެވަންސެއް ނަގަމުންދާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދާ ކަމަށް ބުނެ އަޑުފެތުރުމާ ގުޅިގެން އޭސީސީންނާއި މާލިއްޔަތު ކޮމިޓީން އެކަން ދޮގުކޮށްފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އޭސީސީގެ މެމްބަރުން ފޯނާއި ސިމްކާޑު ނަގައިފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ.
\"ނުރަސްމީ ގަޑިތަކުގައި ރަސްމީ މަސައްކަތްތައް ކުރުމަށްޓަކައި އޮފީހުގެ ނަމުގައި މެމްބަރުންނަށް ސިމްއަކާއި ފޯނެއް ބޭނުންކުރުމަށް އަދި ނުރަސްމީ ގަޑީގައި ކުރަން ޖެހޭ މަސައްކަތްކުރުމަށްޓަކައި ލެޕްޓޮޕެއް ވެސް މެމްބަރުންނާ ހަވާލުކުރާ ގޮތަށް ހަމަ ފިނޭންސް މިނިސްޓްރީގައި އެދުމުން ހުއްދަ ލިބިގެން އެތަކެތި ބޭނުންކުރަން ފެށުނީ،\" މުއައްވިޒު ވިދާޅުވި އެވެ.
އަދި ނަގާފައި ވަނީ ދިރާގުގެ 250ރ. ޕެކޭޖެއްގެ ސިމެއް ކަމަށާއި އެއަށް ކޮމިޝަނުން ކަނޑައަޅައިފައި ވަނީ 650ރ. ގެ ލިމިޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އަށްވުރެ އިތުރަށް ބިލަށް އަރާ ހުރިހާ ފައިސާއެއް ދައްކަނީ މެމްބަރުން އަމިއްލައަށް ކަމުގައި ވެސް ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ އަހަރު ފާސްކުރި ދައުލަތުގެ މުއައްސަސާތަކުގެ މުސާރައާއި އެލަވަންސްގެ އޮނިގަނޑުގައި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މޯބައިލް ފޯނު އެލަވަންސް ކަނޑައަޅައިފައިނުވާތީ އާއި އަދި މިފަހަކަށް އައިސް އެފަދަ މުއައްސަސާތަކުގެ މެމްބަރުންގެ ފޯނު އެލަވަންސްތަކުގެ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވަމުންދާތީ ކޮމިޝަނުން ނިންމީ އެކަމުގައި މާލިއްޔަތު ކޮމިޓީގެ ލަފައެއް ހޯދުމަށް ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
\"އަޅުގަނޑުމެން އަމިއްލައަށް މާޗު މަހު ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ ]ފޯނު އެލަވަންސްގެ ކަންތަކުގައި] އަޅުގަނޑުމެން ކުރިއަށް ގެންދާ ގޮތޭމީ އެކަމުގައި ލަފައަކަށް އެދެމޭ. ދެން މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެންނަށް ފޮނު ޖަވާބުގައި އެކަމަށް މަޝްވަރާކޮށްފައި އަދި ގޮތެއް ނުނިންމަވާ ކަމަށް. އަދި ވަކި އިރެއް ފަހުން އަންގަވާނެ ކަމަށް،\" މުއައްވިޒު ވިދާޅުވި އެވެ،
އަދި މާލިއްޔަތު ކޮމިޓީން ވަކިގޮތެއް އަންގަންދެން ފޯނުތައް އޮފީހާ ހަވާލުކުރުމަށް ފަހު މެމްބަރުންގެ އަމިއްލަ ނަން މައްޗަށް ސިމް ބަދަލުކުރެއްވީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި އެކަން ލިޔުމަކުން އޭސީސީއަށް އެންގި ކަމަށާއި މަސްއޫލިއްތު އަދާކުރުމުގައި ދަތިތަކެއް ދިމާވާތީ އެކަމުގައި އަވަހަށް ގޮތެއް ނިންމައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭސީސީގެ މެމްބަރުން ގަވައިދާ ހިލާފަށް ފޯނު އެލަވަންސް ނަގައި ކަމަށް ބުނެ މިހާރު ފެތުރިގެން އުޅޭ އަޑުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހްމަދު ނާޒިމަށް ގުޅާލުމުން ވެސް ވިދާޅުވީ، މާލިއްޔަތު ކޮމިޓީން އެ މައްސަލަ ނުބަލައި ކަމަށާއި އޭސީސީން ގަވައިދާ ހިލާފަށް ފޯނު އެލަވަންސެއް ނުނަގައި ކަމަށެވެ. އަދި ފޯނާއި އެލަވަންސްގެ މައްސަލައިގައި ވަކި ގޮތެއް ނިންމައިދިނުމަށް އެދި އޭސީސީން މިދިޔަ މަހު ކޮމިޓީއަށް ހުށަހަޅައިފައިވާކަން ވެސް ނާޒިމް ކަށަވަރުކޮށްދެއްވި އެވެ.
މާލިއްޔަތު ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން ވާހަކަދެކެވުނު ކަމަށް ބުނެ ރެއިން ފެށިގެން ބައެއް މީޑިއާތަކުން ބުނަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން މުއައްވިޒު ވިދާޅުވީ، އޭސީސީގެ މެމްބަރުންގެ ފޯނު އެލަވަންސާ ބެހޭ ގޮތުން ހުޅުމީދޫ ދާއިރާގެ މެމްބަރު ކޮމިޓީގެ ބައްދަލުވުން ނިމުމުން ސުވާލު ކުރެއްވި ކަމަށެވެ. އަދި އެކަމުގައި ކަން ހިނގައިދިޔަ ގޮތް އެ މެމްބަރަށް ސާފުކޮށްދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
\"އެކަމަކު އެއީ ކޮމިޓީގައި އަޅުގަނޑު މަޝްވަރަކުރި ކަމެއް ނުން. ކޮމިޓީ ނިންމައިފައި ދެއްކި ވާހަކައެއް. އިއްޔެގެ ކޮމިޓީ އެޖެންޑާއަކުވެސް ނޯންނާނެ އެކަމެއް.\" ނާޒިމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިލްޔާސްގެ ބަހެއް މިއަދު ނުލިބުނެވެ.