22 Apr 2010, 11:35
10:00
ޖައްވު ނުސާފުކުރުމުގެ ހަމަހަމަ ޙައްޤު ހޯދަން ވަކާލާތު ކުރުމަށް ރާއްޖެއިން ގަސްދު ނުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔުނެޕާއި، ޔޫ.އެން ގްލޯބަލް ކޮމްޕެކްޓާއި، ވާރލްވައިޑް ފަންޑް ފޮރ ނޭޗަރގެ ފަރާތުން އިންތިޒާމު ކޮށްގެން، ދެކުނު ކޮރެއާގެ ސޯލްގައި އިއްޔެ ފެށި ބިޒްނަސް ފޮރ ދި އެންވަޔަރަންމަންޓް ސަމިޓްގައި ތަޤްރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޖައްވު ވިހަކުރުމުގެ ޙައްޤު ރާއްޖެއިން ބޭނުންނޫން ކަމުގައިވިޔަސް، ވީހާވެސް މަދުން ކާބަން ބޭނުންކޮށްގެންވެސް ތަރައްޤީއާއި ދުޅަހެޔޮކަން ހޯދިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. ޤަރުނުގެ މެދާ ހަމައަށް އާދެވޭއިރު، ކުރިމަތިވެދާނެ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށްޓަކައި ކާބަން ބޭނުންކުރާ މިންވަރު މިހާރަށްވުރެ ވަރަށް ބޮޑަށް މަދުކުރަން ދުނިޔެއަށް ޖެހިފައިވާ ކަމަށާއި، ހަމައެއާއެކު ދުނިޔޭގެ ދިރުންތަކަށް އަސަރު ނުކުރާފަދަ ގޮތެއްގައި، ކާނާއާއި ސާފުބޯފެން ފޯރުވައިދެވޭނެ ގޮތްތަކެއްވެސް ހޯދަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކީ އިޤްތިޞާދީ އަދި މާލީ ގެއްލުމެއްކަން ފާހަގަކުރައްވަމުން، ތެޔޮ ބޭނުންކުރުމުގެ ސަބަބުން، އެހެން މީހުންނަށާއި ތަކެއްޗަށް ލިބޭ ގެއްލުން އިޤްތިޞާދީ ނިޒާމެއްގެ ތެރެއިން ބެލެވެން އެބަޖެހޭކަން ކަމުގައި ވިދާޅުވި އެވެ. މީގެ މާނައަކީ ކާބަންއަށް އަގެއް ކަނޑައެޅުން ކަމަށާއި، ދުނިޔޭގައި ލާމެހިފައިވާ އިޤްތިޞާދެއް އޮންނައިރު، ކާބަންއިން ލިބޭ ފައިސާ ބޭނުންކުރެވެންވާނީވެސް ދުނިޔޭގެ ހުރިހާ ޤައުމަކުން ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން، ކާބަންއަށް އަގެއް ކަނޑައެޅުމުން، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އަގު ހެޔޮވެ، މުޅި ދުނިޔެއިން ފެހި އިންޤިލާބެއް ފެނިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ތަރައްޤީއާއި މުއްސަނދިކަމަކީ، އިތުރަށް ނުސާފުވުން ކަމަށް ބައެއް ޤައުމުތަކުން ދެކޭތީ، އެކަމާމެދު އެމަނިކުފާނު ޙައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން، ކޯޕަންހޭގަން އެކޯޑްގެ ދަށުން ދުނިޔޭގައިވާ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް ބައްލަވާލެއްވި އެވެ.
މި ވަގުތަކީ ބަދަލުގެ ވަގުތު ކަމަށާއި، ދުނިޔެ މިހާރު މިޞްރާބު ޖަހާފައިވަނީ ގޮތް ނޭނގޭ ދުވަސްކޮޅަކާ ދިމާއަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދަތި ޙާލަތުތަކުގައިވެސް ފުރްޞަތުތައް ތަނަވަސްވެގެންދާ ކަމަށާއި، މި ފުރްޞަތުތައް ފެންނާނީ ހަމައެކަނި މުސްތަޤްބަލާމެދު ޚިޔާލާއި ފިކުރު ގެންގުޅޭ ބަޔަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރު ނިންމަވާލެއްވީ، 20 ވަނަ ޤަރުނުގެ ނުސާފު އިޤްތިޞާދު ދޫކޮށް، މުސްތަޤްބަލަށްޓަކައި ސާފު އިޤްތިޞާދެއް ބިނާކުރުމަށް ގޮވާލައްވަމުން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.