ރާއްޖެއާ ބޭރުގެ ގައުމުތަކާ ދެމެދު އޮތް ގާތް ގުޅުންތަކުގެ ސަބަބުން ދިވެހިންނަށް ދަނީ ފައިދާތަކެއް ލިބެމުން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފޮރިން ޕޮލިސީއަށް ދެ އަހަރު ފުރުމާއި އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި 50 އަހަރު ރާއްޖެ އޮތް އޮތުން ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ، ބައެއް ގައުމުތަކާއި ރާއްޖެއާ އޮތްގުޅުން ދުވަހަކުވެސް ގާތްނުވާ މިންވަރަށް ގާތްވެފައިވާ ކަމަށާއި އެކަމުގެ ފޮނިމީރުކަން ދިވެހިން ލިބިގަންނަމުން ދާ ކަމަށްވެ. އޭގެ ތެރެއިން ޗައިނާ، އިންޑިއާ އަދި ސައުދީ އަރަބިއާގެ ނަން ދުންޔާ ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ހާރިޖިއްޔާގެ އެންމެ ބޮޑު އެއް މަސައްކަތަކީ ގައުމަށް ކުރިމަތިވާ ލޮޅުންތަކުގެ އަސަރު ކުޑަކުރުން ކަމަށް ދުންޔާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށާއި ވޭތުވެ ދިޔަ ދެއަހަރު އެކަން ފުރިހަމަ ވެފައިވާކަން ދުންޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ އިސްކަން ދެއްވީ އިންޑިއާއާ އެކު އޭރު ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ ގުޅުމަށް އާރޯކަމެއް ގެނެސްދީ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އެއައްވުރެ ވަރުދަގަ ކުރުމަށް. މިހާރު ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން މިވަނީ ވަރަށް ވަރުގަދަ ކުރެވިފައިދުންޔާ

ވޭތުވެ ދިޔަ ދެއަހަރީ ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން އެންމެ ބޮޑަށް ހަރަކާތްތެރިވި ދެއަހަރުކަމަށް ދުންޔާ ވިދާޅުވި އެވެ.

މުހިންމު މައްސަލަތަކުގައި ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ދިވެހި ހާރިޖިއްޔާގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ލިބިފައިވާ ރީތިނަން ދަމަހައްޓައި އެނަމަަށް ކިލަނބުކަމެއް އަޔަ ނުދިނުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ނަން ހަޑިކޮށްލުމަށް މަދުބަޔަކު ބޭރުގެ ބާރުގަދަ ބައެއް ގައުމުތަކާ ގުޅިގެން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވާ ކަމަށެވެ. އަދި ބޭރުދުނިޔޭގައި ވެސް ރާއްޖެ ދަނީ ނަސްރު ހޯދަމުން ކަމަށާއި ހާރިޖިއްޔާއިން ކުރަމުންދާ މަސައްކަތުގެ އަމާޒު ޔަގީން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.