02 Dec 2015, 23:19
ޕިރަމިޑް ސްކީމުތައް ހިންގާ ޕްރޮމޯޓު ކުރުމާއި އެފަދަ ސްކީމުތަކުގައި ބައިވެރިވެ ފައިސާ ހޭދަކުރުމަކީ ޖިނާއީ ކުށްތަކުގެ ތެރެއިން ކުށެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕިރަމިޑް ސްކީމުތަކުގައި ބައިވެރިވާ ފަރާތްތަކަށް ލިބިދާނެ މާލީ ގެއްލުންތަކުން ރައްކާތެރިވުމަށް އެފަދަ ސްކީމުތަކުގައި ބައިވެރިވާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވަނީ ޕިރަމިޑް ސްކީމްތަކެއް ރާއްޖޭގެ ފަރާތްތަކަކުން ވެސް ހިންގާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
"ޕިރަމިޑް ސްކީމަކީ މާކެޓިން ނުވަތަ އިންވެސްޓުމަންޓު ނަމުގައި ފަސޭހައިން އާމްދަނީ ލިބޭނެ ކަމަށް ބުނެ ވައުދުވެ އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކެކެވެ. މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ހަގީގީ މަގްސަދު އޮޅުވާލުމަށް ކޮންމެވެސް ކަހަލަ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށް މީހުންނަށް ހުށަހަޅައި، އޭޖެންޓް ނެޓްވޯކެއް މެދުވެރިކޮށް މާކެޓް ކުރެވި އެ ސްކީމުގެ ތެރެއަށް މީހުން ޝައުގުވެރި ކުރުވަ އެވެ. މިފަދަ ކޮންމެ ސްކީމެއްގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދިނުމަށް ޝަރުތުކޮށް އިތުރު ފަރާތްތައް މި ސްކީމުގައި ބައިވެރި ކުރުވުމަށް ޝަރުތު ކުރުވަ އެވެ." އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ސްކީމުތަކަކީ އިގްތިސާދީ ގޮތުން ދެމެހެއްޓެނެވި ވިޔަފާރިއެއް ނޫން ކަމަށެވެ. އަދި ބުނީ ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ނޭނގި ފައިސާގެ އެތައް މުއާމަލާތްތަކެއް އެފަދަ ސްކީމުގެ ތެރޭގައި ހިންގާ ކަމަށެވެ. އެމްއެމްއޭ އިން ބުނީ ސްކީމުގައި ބައިވެރިވާ ބައެއް ފަރާތްތަކަށް ވަގުތީ ފައިދާއެއް ލިބުނު ކަމުގައިވީ ނަމަވެސް ޕިރަމިޑް ސްކީމެއް ރޫޅިގެންދާ ހިސާބުން އެ ސްކީމުގައި ބައިވެރިވާ ފައިސާ އިންވެސްޓު ކުރާ ފަރާތްތަކަށް ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
"މިފަދަ އެތައް ސަބަބުތަކާ ހުރެ ދުނިޔޭގެ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ބައެއް ގައުމުތަކުގައި ވެސް ޕިރަމިޑް ސްކީމު ހިންގާ އެފަދަ ސްކީމުތަކުގައި ބައިވެރިވުން އޮންނަނީ މަނާކޮށްފަ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.