02 Dec 2015, 22:59
އުޅަނދަށް މީހުން އެރުވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް މީހުން ގޮވައިގެން ދިޔަ ލޯންޗެއް މ. އަތޮޅު ފަރަކަށް އަރައިފި އެވެ.
ފަރަށް އަރާފައި ވަނީ ފ. ނިލަންދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންތަކެއް ގޮވައިގެން ދިޔަ ލޯންޗެކެވެ. އެ ލޯންޗުގައި 27 މީހުން ތިބިކަން "ސަން"އަށް ވަނީ އެނގިފަ އެވެ. އެ ލޯންޗުގެ ކެޕޭސިޓީއަކީ 22 މީހުންނެވެ.
އެ ލޯންޗު ފަރަށް އެރުމުން، ސިފައިންނަށް އަދި ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ މ. މުލަކުން ފުރައިގެން ނިލަންދޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް މ. ތުވަރު ފަރަށް އަރާފައިވާ ކަމަށެވެ. ލޯންޗު ފަރަށް އެރުމުން ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށާއި ނަމަވެސް ލޯންޗުގެ ވެރިފަރާތަށް ގުޅައިގެން އެ ލޯންޗުގެ ހާލަތު ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ ލޯންޗުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިނީ، އެހެން ލޯންޗެއް މެދުވެރިކޮށް، އޭގައި ތިބި މީހުން ސަލަމާތްކޮށްފައިވާ ކަމަށް. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވެސް ވިދާޅުވީ އެފަދަ ރިޕޯޓެއް ކޯސްޓްގާޑަށް ލިބިފައި ނެތް ކަމަށެވެ.