އުސޫލީ ބޮޑެތި ކަންކަން ފިޔަވައި ކުދި ކުދި ކަންކަމުގައި ކުދި ގައުމުތަކާމެދު އދ. އިން ކަންކުރަނީ އިންސާފުން ބޭރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފޮރިން ޕޮލިސީއަށް ދެ އަހަރު ފުރުމާއި އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި 50 އަހަރު ރާއްޖެ އޮތް އޮތުން ފާހަގަ ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އދ. އާ ދޭތެރޭގައި އުފެދިގެން އުޅޭ މައްސަލަތަކުގެ ހިޔަނި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ރާއްޖޭގައި ހިނގާ ކަންކަމަށް ކިތަންމެ ވަރަކަށް ވެސް ގުޅޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އދ. އުފެދިގެން އައިއިރު އެއީ އިންސާނިއްޔަތާ ގުޅިގެން އައި ޖަމިއްޔާއެއް ކަމަށާއި ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަމާއި ރުއިންތަށް ތަހަންމަލް ކުރަމުންދާއިރު އެކަން ހުއްޓުވުމަށް އދ. ގެ ނުކުޅެދުންތެރިކަން ހުރި މިންވަރު ބައިނަލްއަގްވާމީ ދުނިތޭގެ ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި އދ. ގައި އޮތް ޑިމޮކްރެޓިކް ނިޒާމު މިހާރު ނެތްކަން ވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އދ. ގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ތިބެ އެ ޖަމިއްޔާގެ ޗާޓަރުން ބޭރުން ކުދި ގައުތަކުގެ ސިޔާސަތާމެދު ކަންކުރާ އިރު ވެސް އެކަމުގައި އދ. އަށް ހައްލު ހޯދައި ނުދެވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަރަށް އުސޫލީ ބޮޑެތި މައްސަލަތައް ފިޔަވައި އެހެން ކަންކަންމުގައި ކުދި ކުދި ގައުމުތަކާ ދޭތެރޭގައި އިންސާފުން އެއްކިބާގައި ކަންކަން ކުރެވިގެން ދާތަން. އދ. ގައި ވެސް މި ދިމާވަނީ ދުނިޔޭގެ ބައިނަލްއަގްވާމީ ވިޔަފާރީގެ ޖަމިއްޔާގައި ވެސް ދިމާވެފައި އޮތް ގޮތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ރާއްޖެއިން އދ. އާއެކު ކުރިއަށް ދަނީ މިހާރު ދުނިޔޭގެ ސަލާމަތަށް އޮތް ހަމައެކަނި މުއައްސަސާއަކީ އެ ޖަމިއްޔާ ކަމަށް ބަލައިގެން ކަމަށެވެ. އަދި ގަބޫލުކުރެވޭ ގޮތުން ތަފާތުކުރުން ގެންގުޅެނީ އދ އިން ނޫން ކަމަށާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"އެހެންވެގެން ބޮޑެތި ގައުމަށް ބޮޑެތި އިންސާފު ކުދި ގައުމަށް ކުދި އިންސާފު މި ލިބެނީ. މި ހަގީގަތް ބަދަލު ކުރެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަވަށްޓެރި ގައުމުތަކުން ވަރަށް ބޮޑެތި ކަންކަމާއި ކުރިމަތިލީއިރު ދިވެހިރާއްޖެއިން އެ ގައުމުތަކުގެ ދިފާއުގައި އދ.ގައި ވަކާލާތުކޮށް ދީ ވޯޓުދީފައި ވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އަދ. ގެ މެމްބަރުން ރާއްޖެއާ މެދު "އިންސާފުގެ ނަޒަރަކުން ބައްލަވަން" އެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމުގެ ލައިސަންސަ ވަކި ގައުމުތަކަށް އޮވެގެން ދުނިޔޭގައި ލައިސަންސް ނޯނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ގަބޫލުކުރަން އެބަޖެހޭ ކޮންމެ ބައެއްގެ ވެސް އަމިއްލަ ހައްގުތަކަކާއި އަމިއްލަ ކަންތައްތަކަށް އެހެން ގައުމުތަކުން އެހެން ދައުލަތްތަކުން އިހުތިރާމް ކުރަން ޖެހޭކަން. އެއްބައެއްގެ ދާހިލީކަންތައްތަކާ އަނެއްބަޔަކު ބެހެންޏާ ދުނިޔޭގައި ހަމަޖެހުމެއް ނޯންނާނެ" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އެހާ "ފާޓު ފުޅާ ސިޔާސަތެއް ނޫން" ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ބޭނުންވަނީ އަވައްޓެރި ގައުމުތަކާ އދ ގެ މެމްބަރު ގައުމުތަކާއެކު ގާތް ގުޅުމެއް ބޭވުން ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮއްނަނީ އިންޑިއާއިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނައުމަށް ކަމަށާއި އެ މަސައްކަތް ކުރަމުން ދާއިރު އިންޑިއާ ސައުދި އަރަބިއާ އަދި އިންޑިއާގެ އިތުރުން ޗައިނާ ހިޔާލަށް ގެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިގްތިސާދީ ބޮޑެތި މަސައްކަތް ކުރާ ކަމަށްވާނަމަ އިގްތިސާދީ ބޮޑެތި ދައުލަތްތަކާ ރާއްޖެއިން ގުޅެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދާދިފަހުން އަވަހާރަވި ނިޝާން އިއްޒައްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ވަނީ އެއް މިނިޓްގެ ސުކޫތެއް ގެނެސްފަ އެވެ.