02 Dec 2015, 20:34
ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވި 15 އަހަރާއި 18 އަހަރުގެ ކުއްޖަކު ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒު (ޖުވެނައިލް ޑިޓެންޝަން ސެންޓާ)ގައި ހުކުމް ތަންފީޒު ކުރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެއީ ޖުވެނައިލް ކޯޓުން އިސްލާހި މަރުކައުޒުގައި ހުކުމް ތަންފީޒު ކުރުމަށް ބުނެ ކުރި ފުރަތަމަ ހުކުމެވެ. ނަމަވެސް ރާއްޖޭގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ރާއްޖޭގައި ނެތެވެ،.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީއޭޖޭ) އިން ބުނީ ޖުވެނައިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަކަށް ވާތީ ކަމަށެވެ.
"މިކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކާއެކު އެކިފަހަރު މަތިން ޖުވެނައިލް ކޯޓުގައި ބައްދަލުވުންތަކެއް ބާއްވާ އެފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގެ މައްޗަށް ރިޢާޔަތްކޮށް، ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިފަދަ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން،" ޑީޖޭއޭ އިން ބުންޏެވެ.
ވެނައިލް ކޯޓުން ކުރި ޙުކުމުގައި ވަނީ، ދަޢުވާ ލިބޭ ކުދިންގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި، ޝަރީޢަތަށް ހުށަހެޅުނު ޤަރީނާތަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ދަޢުވާލިބޭ ދެކުދިންކުރެ ކޮންމެ ކުއްޖަކު، 16 އަހަރާއި އަށް މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި މި ދެކުދިންކުރެ ކޮންމެ ކުއްޖަކު 66,666.66 އިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، އެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ޖުވެނައިލް ކޯޓަށް ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
''ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު '' ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ޙުކުމުގެ މުއްދަތަށް ދަޢުވާލިބުނު ދެ ކުދިން ބޭތިއްބުމަށް" ޖުވެނައިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.