02 Dec 2015, 19:56
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން، އެކަނިވެރި މައިންނަށް ފައިސާގެ އެހީއެއް ދެއްވަން ފައްޓަވައިފި އެވެ.
ފައިސާގެ އެހީގެ ގޮތުގައި އެކަނިވެރި މައިންނަށް ރައީސްގެ ދެ ކަނބަލުން ދެއްވަން ފައްޓަވާފައި ވަނީ 18 އަހަރު ނުފުރޭ ކޮންމެ ދަރިއަކަށް 1000 ރުފިޔާގެ މަގުންނެވެ. މާލީ އެހީ ދެއްވަން ފަށާފައި ވަނީ ކުރިއަށް އޮތް ދިރާސީ އައު އަހަރު ފެށުމުގެ ކުރިން އެ ކުދިންނަށް ގަންނަންޖެހޭ ތަކެތި ގަތުމަށްޓަކަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސްގެ ދެކަނބަލުން ދެއްވާ އެހީއަކީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ އެ ދެކަބަލުންގެ އަމިއްލަ ހަރަދުގައި ދެއްވާ އެހީތެރިކަމެއް ކަމަށެވެ.
މުއާޒް ވިދާޅުވީ އެ އެހީ ދެއްވަނީ އެކަނިވެރި މައިންގެ ގޮތުގައި އާސަންދަ އޮފީހުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށާއި އެހީ ދޫކުރާނީ މުލިއާގެއިން ހާއްސަ އިންތިޒާމެއްގެ ދަށުން ކަމަށެވެ.
"މި އެހީއަކީ ހާއްސަކޮށް ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހީމް މުޖްތަމައުގައި ލޯތްބާއި އަޅާލަން ބޭނުންވެފައިވާ އެކި ފަންތީގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީއެއް. މީގެ ކުރިން ވެސް މެޑަމް ފާތުން ވާނީ މުޖުތަމައުގައި އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވެފައި،" މުއާޒް ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވެފައިވާ ކުއްޖެއްގެ ކައިރީގައި މެޑަމް ފާތުން ---
މުއާޒު ވިދާޅުވީ މެޑަމް ފާތުންއަކީ އަބަދުވެސް ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ފަރާތެއް ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅުއްވާ ގެތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެ ފަރާތް ތަކަށް އެހީ ދެއްވާފައިވާ ކަމަށެވެ.