ބޭންކުގެ ކާާޑާއި ބޭންކު އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ނުދިނުމަށާއި ބީއެމްއެލުން އެއްވެސް މީހެއްގެ މައުލޫމާތު ހޯދަން ގުޅާ މެސެޖްކޮށް ނުހަދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެކައުންޓުގެ މައުލޫމާތު ހޯދުމަށް ގުޅާ މެސެޖްކުރާ ފަރާތްތަކަށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ބީއެމްއެލްގެ ނަމުގައި އެކައުންޓުގެ މައުލޫމާތު ހޯދުމަށް ފޭކް ކޯލްތަކެއް މިހާރަކަށް އައިސް ދަނީ ކުރަމުންނެވެ.

"އެންމެހާ ކަސްޓަމަރުންނަށް. ބީއެމްއެލްގެ ކާޑާއި އެކައުންޓާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ހިއްސާ ނުކުރައްވާ. އެފަދަ މައުލޫމާތެއް ހޯދުމަށް ބީއެމްއެލް އިން ގުޅާ އެސްއެމްއެސްކޮށް އަދި އީމެއިލްއެއްވެސް ނުކުރާނެ،" ބީއެމްއެލުން ބުނެފައިވެ އެވެ.

ބީއެމްއެލްއިން ބުނީ މިހާރަކަށް އައިސް ބީއެމްއެލްގެ ނަމުގައި އެކައުންޓު މައުލޫމާތު ހޯދުމަށް މީހުން ގުޅާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކާއި އެ މައުލޫމާތު ހިއްސާނުކުރުމަށް އެދޭ ކަމަށެވެ.

އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކާ މިނިވަން ފަންސާހުގެ ޕްރޮމޯޝަންގެ ނަމުގައި ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވަމުންދާތީ ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޮޑެތި ކުންފުނި ނުވަތަ ޖަމާޢަތްތަކުގެ ނަމުގައި ތަފާތު ޕްރޮމޯޝަންތަކުން ނަން ހޮވިފައިވާކަމަށް ބުނެ އޮޅުވާލައިގެން މަކަރާ ޙީލަތުން ފައިސާ ހޯދައި، ރީލޯޑް ކުރުމާއި ރާސްޓަސް އެޅުމުގެ އިތުރުން ބޭންކް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ހޯދާއިން ބޮޑެތި ގެއްލުންތައް ލިބިގެން ހުށަހެޅެމުންދާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.